މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ހަތް ކޭސް ވެރިރަށް މާލެއިން ފެނިފައި ވާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ވެރިރަށް މާލެ ލޮކްޑައުން ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަމުރުކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވި އަމަރުގައި ބުނެފައިވާ ގޮތުގައި އެ އިދާރާއިން ވަކިގޮތެއް އަންގަންދެން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ ވިލިމާލެ ހުޅުމާލޭގެ މަގުތަކަށް މީޙުން ނިކުމެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.
އެންގުމުގައި ބުނެފައިވާ ގޮތުގައި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި އެއްގަމު އުޅަނދު ދުއްވޭނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާއްސަ ހުއްދަ ދީފައިވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ވެހިކަލްތަކުގެ އިތުރުން ނޫސްވެރިންގެ ތެރެއިން ހުއްދަ ދެވިފައިވާ ނޫސްވެރިންނެވެ.
މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފައިވަނީ މާލެއިން އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެގޮތުން މިހާތަނަށް މާލެއިން ހަތް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ. މުޅި ރާއްޖެއިން މި ބައްޔަށް 27 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

