ކޯވިޑް-19 އާއި ގުޅިގެން، ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލަން އަންގާފައިވިޔަސް، މަސްދޯނިތަކަށް މަހަށްފުރުމުގެ ހުއްދަދޭން ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ލޮކްޑައުންގެ ޙާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ފޭބުމަކީ، މަނާކަމެއްކަމަށާއި، އެ އުޅަނދެއް ނިސްބަތްވާ ރަށަށް މަސް ދަތުރު ނިންމުމަށްފަހު ދަތުރުކުރުމަކީ ލާޒިމުކަމެއްކަމަށެވެ.
އެ މިނިސްޓްރީން ބުނީ، މަސްވެރިން މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންނާއި، ކަމާގުޅޭ ފަރާތްތަކުން އިތުރު ތަފްޞީލު ފޯރުކޮށްދެއްވާނެކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީންވަނީ، އެ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

