މާލެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތްވަނީ މީހަކީ، އޭގެ ކުރިން އެބައްޔަށް ޕޮޒިޓިވްވި 6 މީހުންނާއި ގުޅުމެއް ނެތް އާ ”ކްލަސްޓަރ“ އެއް ނުވަތަ ދެވަނަ ކުރިއެއް ކަމަށް ބެލެވެންފަށައިފިއެވެ.
މިހާތަނަށް މާލެ އިން ކޮވިޑް-19 އަށް ހަތް މީހަކު ޕޮޒިޓިވް ވެފައިވާއިރު މިދިޔަ 11 ގަޑިއިރުގެ ތެރޭގައި މި ވަނީ ހަތަރު މީހަކު ޕޮޒިޓިވް ވެފައިއެވެ.
ޕޭޝަންޓް27 ޕޮޒިޓިވްކަން ހާމަކޮށް އެޗްޕީއޭއިން ބުނީ ކޮރޯނާވައިރަސް ޖެހިފައިވާ ހަތް ވަނަ މީހަކު މާލެއިން ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އޭނާ އަކީ މީގެ ކުރިން ޕޮޒިޓިވްވި މީހަކާ ދިމާވި މީހެއްކަން ނުވަތަ ނޫންކަން އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
މާލޭން ފެނުނު ފުރަތަމަ މީހާ އަށް ފަހު ދެން ފެނުނު ފަސް މީހުންނަކީ ވެސް ސީދާ ކޮންޓެކްޓް ވެފައިވާ މީހުންނެވެ. އެހެންވެ އެއީ އެއް ކުރިޔަކަށް ނިސްބަތްވާ ހަ މީހުންނެވެ.
ޕޭޝަންޓް27 މައުލޫމާތު ހާމަކުރި ނަމަވެސް އެ މީހުން ދިމާވެފައިނުވާތީ އޭނާ ބެލެވެނީ ދެވަނަ ކުރިއަށެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން ވެސް ވިދާޅުވަނީ ޕޭޝަންޓް27 އާއި އެމީހުންނާއި ގުޅުމެއް އޮތްކަން އެނގިފައި ނުވާ ކަމަށެވެ.
ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހަތްވަނަ މީހާއާއި ކުރީން މާލޭން ބަލި ފެނުނު މީހުންނާ ސީދާ ކޮންޓެކްޓެއް އޮތްކަން އެނގިފައި ނުވާ ކަމަށެވެ. އެމީހާއަކީވެސް ކޮވިޑް-19 ގެ އަލާމާތްތައް ފެންނާތީ ފުލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޕޭޝަންޓް27 ފްލޫ ކްލިނިކަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ.
މާލޭން ފެނުނު ފުރަތަމަ މީހާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް އައި އިރު ހޯދިފައެއް ނުވެއެވެ. ފުރަތަމަ މީހާއާ ސީދާ ބައްދަލުވި މީހުންގެ އަދަދު ދުއިސައްތަ އަށްވުރެ މައްޗަށް ދެއެވެ.
ޕޭޝަންޓް27 އަކީ ދެވަނަ ކުރިއަކަށް ވެއްޖެނަމަ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިވަގުތު ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބާރުލާފައި ކޯވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްކަމަށް ހެލްތު މިނިސްޓަރު ޢަބްދު ﷲ އަމީންވެސް ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ނޭނގި ވެސް ރަށުތެރޭގައި އެ ބަލި ޖެހިފައިވާ ބަޔަކު ތިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިހާރު މި އޮތީ މުޖުތަމައަށް މިބަލި ފެތުރެން ފަށާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވަސީލަތްތަކާއި ސިސްޓަމްތަކަށް އެކަށީގެން ނުވާ ވަރަށް ބާރުލާފައި ފެތުރިގެން ގޮސްފި ނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި ފެނުނު މަންޒަރު ފެނިގެން ދާނެ ކަމަށެވެ.

