ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހު އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި މަހު ފުލުހުންނަށް ރިޕޯޓުކުރި ސްކޭމް މައްސަލަތަކުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި އެއްލައްކައަށްވުރެ ގިނަ ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހު ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހިންގާ ޕޭޖުތަކުން މުދާ ގަތުމަށް ފައިސާ ފޮނުވުމުން، މުދާ ނުލިބި ފައިސާ ގެއްލޭ މައްސަލަތަކެވެ.

އެގޮތުން 78 މައްސަލަ ނުވަތަ 43.33 އިންސައްތަ އަކީ އޮންލައިންކޮށް މުދާ ގަތުމުގެ ތެރޭގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ފާހަގަކުރި ގޮތުގައި، ސްކޭމް ހިންގާ ފަރާތްތަކުން އާންމުކޮށް އޮޅުވާލަނީ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ވަސީލަތްތައް މެދުވެރިކޮށް، މުދާ އަގުހެޔޮކޮށް ވިއްކާ ކަމަށް ދައްކައިގެންނެވެ.

ޖުލައި މަހު ރިޕޯޓުކުރި 180 މައްސަލައިގެ ތަފްސީލަށް ބަލާއިރު، އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ 78 މައްސަލަ، ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ 36 މައްސަލަ (20.00 އިންސައްތަ)، އަދި ބޭރު ފައިސާ މާރުކުރުމާއި އެހެން ފަރާތަކަށް ހެދިގެން އޮޅުވާލުމުގެ ކޮންމެ ކަމަކުން 20 މައްސަލަ (11.11 އިންސައްތަ) ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ސްކޭމްތަކުގެ 26 މައްސަލަ (14.44 އިންސައްތަ) ވަނީ ރިޕޯޓުކޮށްފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5.8 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ކޮންމެ މައްސަލައަކުން އެވަރޭޖުކޮށް 7,604.69 ރުފިޔާގެ މާލީ ގެއްލުން ލިބިފައިވެއެވެ. ނަމަވެސް، ފުލުހުންނާއި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން ގެއްލުނު ފައިސާގެ ތެރެއިން 635,271.17 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ރިޕޯޓުކުރެވުނު ޖުމްލަ މާލީ ގެއްލުމުގެ ގާތްގަނޑަކަށް 46.41 އިންސައްތައެވެ.

މިފަދަ ހާދިސާތައް އިތުރުވަމުންދާތީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ”އިތުބާރު ނުކުރެވޭ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށާއި، އޯޓީޕީ (OTP) ފަދަ ސިއްރު މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް“ ފުލުހުން ވަނީ އިރުޝާދު ދީފައެވެ. ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ތަހުގީގުތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: