ޝަހީދު ޙުސައިން އާދަމް ބިލްޑިންގުން ފެށިގެން ދޮށިމޭނާ ބިލްޑިންގާ ހަމައަށް އަލަށް ތަރައްގީކުރި އެއްގަމު ތޮށީގެ ސަރަހައްދަކީ، ދިފާއީ އަދި ވަތަނީ ޚިދުމަތްތަކަށާއި ދިފާއީ ވުޒާރާގެ ބޭނުންތަކަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރުން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޮގަސްޓް މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގެ އެއްގަމު ތޮއްޓަށް ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާ ކަމެއް ކަމަށެވެ. މި ނިންމުމަކީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން އިން ފެށިގެން އެމް.އެން.ޑީ.އެފްގެ ދޮށިމޭނާ ބިލްޑިންގާ ހަމައަށް އަލަށް ތަރައްގީކުރި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނިންމި ނިންމުމެކެވެ.
މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ސަރުކާރުން މިގޮތަށް ނިންމެވީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، ދިފާޢީ ބާރުތަކުގެ އުޅަނދުފަހަރަށް ބޭނުންވާ ޖާގަ ކަށަވަރުކުރުމުގެ މަގްސަދުގައެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ސަރަޙައްދުގެ ފަޅުތެރެއަށް ދިފާޢީ ވުޒާރާގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމާއި ބަނދަރުކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ކުރިންވެސް ޝަހީދު ހުސައިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންއާ ހަމައަށް އޮންނަ ސަރަހައްދަކީ ޑިފެންސަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދެކެވެ. ނަމަވެސް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ މަސައްކަތް ނިންމި ފަހުން، ގިނަ އަދަދެއްގެ އާންމު އުޅަނދުތަކުން އެ ސަރަހައްދު ބޭނުން ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފަހުން ތަރައްގީކުރި ސަރަހައްދު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ހެދި 700 މީޓަރުގެ ސަރަހައްދެވެ.

