ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކުރެވިގެން: ރައީސް

ފޮޓޯ؛ ރައީސް އޮފީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

މުސްތަގުބަލުގެ ޖީލުތަކަށް ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކާއި، ދުޅަހެޔޮ އިގުތިސާދުތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މަތީގައި ދެމިތިބެ، އިޚުލާސްތެރިކަމާއެކު އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އއ. އުކުޅަހުގައި ބޭއްވި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި، ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުންކަން ފާހަގަކުރެއްވިއެވެ. އަދި ވިލުންތެރިކަން ދެމެހެއްޓެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުގެ މައްޗަށް ކަމަށްވާއިރު، ދައުލަތްތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ދައުރު މި ދަނޑިވަޅުގައި އިންތިހާއަށް މުހިންމުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލީ ޒިންމާދާރުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭނެ ކަމަށެވެ. ”ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫން، އެއީ ޤައުމީ އިސްތިރާޖީ މުދަލެއް އަދި ކުރިއެރުމުގެ އިންޖީނު“ ކަމުގައި ރައީސް ސިފަކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސިޑްސްގެ ގައުމުތަކަކީ ދަރަނި މެނޭޖުކުރަމުން މުސްތަގުބަލަށް ވުނަކުރާ، އަދި އިގުތިސާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމަޢުތައް ހިމާޔަތްކުރަމުންދާ ޤައުމުތަކެއް ކަމަށެވެ. ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއި ބޭރުގެ ފިއްތުންތަކާ އެކުގައިވެސް، ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް ފުރިހަމައަށް އަދާކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމުކަން ފާހަގަކުރައްވައި، ”މޯލްޑިވްސް 2.0“ މެދުވެރިކޮށް ޒަމާނީ ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ފަންނިއްޔާތަކީ ހަމައެކަނި އީޖާދީ އެޖެންޑާއެއް ނޫންކަމަށާއި، އެއީ ހިންގުމާއި ތަރައްޤީއަށް ކުދި ޖަޒީރާތަކަށް ބޭނުންކުރެވިދާނޭ ވަސީލަތެއް ކަމަށެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ 2026-2029 ގެ ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށްދެއްވާފައެވެ. އުކުޅަހުގައި ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި ސިޑްސްގެ ގައުމުތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުން ބައިވެރިވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ޤާބިލިއްޔަތު އިތުރުކުރެވޭނޭ ގޮތްތަކާ މެދު ވަނީ މަޝްވަރާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: