މަރުވެފައިވާ 700 އަށްވުރެ ގިނަ މީހުންނަށް ދައުލަތުގެ ބަޖެޓުން އިނާޔަތުގެ ގޮތުގައި 10 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ އާމިނަތު ޝިރުނާ ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިރުނާ ވިދާޅުވީ، މިއީ އިޖުތިމާއީ އެހީތެރިކަން ހައްގުވެރިންނަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު ކަމެއް ކަމަށެވެ.
ޝިރުނާ ފާހަގަކުރެއްވި ގޮތުގައި މި މައްސަލަ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ މީހުން މަރުވާކަން އެނގޭނެ ހަރުދަނާ ނިޒާމެއް އިދާރާތަކުގެ މެދުގައި ގާއިމުވެފައި ނެތުމެވެ. ވަކިން ހާއްސަކޮށް، 2020 ވަނަ އަހަރު އެންސްޕާގެ މޮނިޓަރިން ސެކްޝަން އުވާލުމާ ގުޅިގެން، މައުލޫމާތުތައް ބަލައި މަހުން މަހަށް އަޕްޑޭޓް ކުރުމުގެ މަސައްކަތް ބޮއްސުންލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ޝިރުނާ ވިދާޅުވީ، ”މިހާރު އަޅުގަނޑު މިދަނީ އަލުން އެސެކްޝަންގެ މަސައްކަތް އިޔާދަކޮށް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން،“ ކަމަށެވެ. މަރުވެފައިވާ މީހުންނަށް މިހާ ބޮޑު އަދަދަކުން ފައިސާ ދޫކުރެވިފައިވުމަކީ ދައުލަތަށް ލިބުނު ވަރަށް ބޮޑު މާލީ ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އެންސްޕާގައި މިވަގުތު 15,000 އެއްހާ މީހުން އެކި އެހީތަކަށް ރަޖިސްޓަރީވެފައިވާއިރު، އޭގެ ތެރޭގައި އެކަނިވެރި މައިންބަފައިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ފަގީރުންގެ ލިސްޓުގައި ހިމެނޭ ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މީހުންގެ ކަންކަންވެސް އެ އެޖެންސީން ބަލަހައްޓައެވެ.
އެންސްޕާގެ މިހާރުގެ އަމާޒަކީ ކުރިން އޮތް މޮނިޓަރިން ނިޒާމު އަލުން އިޔާދަކޮށް، އެހީ ފޯރުކޮށްދެވެނީ އެންމެ ހައްގުވެރި ފަރާތްތަކަށްތޯ ކަށަވަރު ކުރުމެވެ. މީގެ ސަބަބުން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ހޭދަވުން ހުއްޓުވައި، ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެހީގެ ލިސްޓުތައް އަޕްޑޭޓް ކުރެވިގެންދާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

