މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރުތައް ދެނެގަތުމަށް ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިކަން ހާމަކުރެއްވީ ކަނޑުގެ ދިރާސާތަކާ ގުޅޭގޮތުން ބޭއްވި ސިމްޕޯސިއަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަނޑުގެ މާހައުލު ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް އަމާން މުސްތަގުބަލެއް ބިނާކުރުމަށްޓަކައި އިލްމާއި ދިރާސާތަކަށް އިންވެސްޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ކަނޑުގެ މާހައުލު ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް އަމާން މުސްތަގުބަލެއް ބިނާކުރުމަށްޓަކައި އިލްމާއި ދިރާސާތަކަށް އިންވެސްޓްކުރަން ޖެހޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަރުތަކާއި ކަނޑުތަކަކީ ހަމައެކަނި ގުދުރަތީ ރީތިކަމެއް ނޫން ކަމަށާއި، އެއީ ތައުލީމާއި، އާ އީޖާދުތަކުގެ އިތުރުން ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއްކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. މި މަސައްކަތުގައި ބައިނަލްއަގްވާމީ މާހިރުންނާ ގުޅިގެން މަސައްކަތްކުރުމަކީ ރާއްޖޭގެ ގާބިލުކަން އިތުރުވެގެންދާނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
މި ސިމްޕޯސިއަމްގެ ތެރެއިން ބަދަލުކުރެވޭ މައުލޫމާތަކީ ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ސިޔާސަތުތައް އެކުލަވައިލުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންތައްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ ދިރާސާތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

