ފާއިތުވި 10 ދުވަހުގެ ތެރޭގައި, ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އަށް މަސައްކަތްތެރިއަކު މަރުވެފައިވާ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނާ ހަވާލާދީ ބަންގްލަދޭޝްގެ ”ވިއުސް“ ނޫހުން ރިޕޯޓްކޮށްފިއެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 21 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. މި މަރުތައް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައި ހިނގި އެކްސިޑެންޓްތަކާއި، ސްޓްރޯކް ޖެހުމާއި، ހާޓް އެޓޭކްގެ އިތުރުން އަމިއްލައަށް މަރުވުމުގެ ހާދިސާތަކުގައެވެ.
އެ ނޫހާ ބަންގްލަދޭޝް ހައިކޮމިޝަނުން ހިއްސާކުރި ތަފުސީލްތަކަށް ބަލާއިރު:
- ޖުލައި 25: އުމުރުން 23 އަހަރުގެ ރޮބިއުލް އިސްލާމް ރައުޝަން މަރުވީ މަސައްކަތުގެ މައިދާނުގައި ހިނގި އެކްސިޑެންޓެއްގައެވެ.
- ޖުލައި 27: އުމުރުން 45 އަހަރުގެ ހުމާޔޫން ކަބީރު މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ.
- ޖުލައި 28: އުމުރުން 47 އަހަރުގެ މޮގްބުލް މިއާ ވެސް މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ.
- ޖުލައި 30: އުމުރުން 45 އަހަރުގެ ޝެއިޚް ފަރީދު މަރުވީ ހަކުރު ބަލީގެ ސަބަބުން ދިމާވި ސްޓްރޯކެއްގައެވެ.
- އޮގަސްޓް 1: އުމުރުން 21 އަހަރުގެ ސޮލައިމާން މަޓައްބަރު މަރުވީ މަސައްކަތްކުރާ ތަނުން އޮޅިގެން ’ޓާޕަންޓައިން‘ ބޮވިގެން ފަރުވާ ދެމުންދަނިކޮށެވެ. ޓާޕަންޓައިންއަކީ ސާފުކުރަން ބޭނުންކުރާ ޑިސްއިންފެކްޓެންޓާއި ދަވާދު ފަދަ އެއްޗެހީގައި ހިމެނޭ ކެމިކަލެކެވެ.
- ހަމަ އެ ދުވަހު އުމުރުން 44 އަހަރުގެ ސައިދު މުއްލާ ސްޓްރޯކެއްގައި މަރުވިއިރު، 37 އަހަރުގެ ބަދީއުއްރަހުމާން ފެނުނީ އަމިއްލައަށް މަރުވެފައި އޮއްވައެވެ.
- އޮގަސްޓް 3: އެންމެ ފަހުން މަރުވީ އުމުރުން 70 އަހަރުގެ ދިލްވާރާ ނަބީއެވެ. އޭނާއަކީ ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ އަންބެކެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ބުނާ ގޮތުގައި، މިފަދަ ސިއްހީ ކުއްލި މައްސަލަތައް އިތުރުވަނީ އާއިލާއާ ދުރުގައި ގިނަ ދުވަހު އުޅެންޖެހުމާއި، މާލީ ދަތިތަކާއި، ނަފްސާނީ ބޮޑެތި ފިއްތުންތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާތަކާ ގުޅިގެން ބަންގްލަދޭޝް މީހުންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.
ހައިކޮމިޝަނުން ބުނި ގޮތުގައި މަރުވި މީހުންގެ ހަށިގަނޑުތައް އެނބުރި ގައުމަށް ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިހާރު ވަނީ ގައުމަށް ފޮނުވާލާފައެވެ.

