ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ދެކޮޅަށް މަޖިލީހަށް އީ-ޕެޓިޝަނެއް!

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ތަންތަން ވަޒީރުންގެ މަޖިލީހަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް، އެ ބިލު ބޭރުކޮށްލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް އީ- ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަނަކީ ”އާންމުންގެ ޖަމިއްޔާ“ ގެ ފައުންޑަރ މިދުއަމް ސައުދު އިސްނަގައި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

މި ޕެޓިޝަނުގައި ބުނެފައި ވަނީ އިސްލާހުގެ ސަބަބުން ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހުގެ މުށުތެރެއަށް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި އިސްލާހުގެ ދަށުން ފަހިވެގެންދާނެ ކަމުގެ ކަންބޮޑުވުން ވެސް ޕެޓިޝަނުގައި ފާޅުކޮށްފައިވެއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، މީގެ ކުރިން ވެސް ސަރުކާރުން ބޭނުންވާ މުހިންމު ބިލުތަކެއް އޭނާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މި ބިލުގެ ދަށުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއެއް ހިންގުމަށްޓަކައި، ކައުންސިލްގެ އިހްތިސާސްގައިވާ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީން އެކަން އެންގުމާއެކު އެ ބިމެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެއެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ސަރުކާރުގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުން ހިމެނުމަށާއި، އެފަދަ މަޝްރޫއުތަކަށް މަގްބޫލު ސަބަބެއް ނެތި ހުރަސްއެޅުން މަނާކުރުމަށް ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

މިހާރު އޮތް ގާނޫނުގެ ދަށުން ކައުންސިލްގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތް ނަމަވެސް، މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ މިލްކިއްޔާތުގައި ހުންނަ ތަންތަން އަތުލުމުގެ ބާރު މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެއެވެ.

ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް މި އިސްލާހު ހުށަހަޅާފައި މިވަނީ، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުތަކުގައި ސަރުކާރު ހިންގާ ޕާޓީއަށް ބޮޑެތި ސިޓީތަކުންނާއި ރަށްތަކުން ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: