ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ދިއުމުގެ ސަބަބުން މާކެޓަށް ވަނުމުގެ ފުރުސަތު ގެއްލިފައިވާއިރު، ހާލަތު މެނޭޖް ނުކުރެވުމުގެ ނަތީޖާއަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެން ދިއުންކަމަށް ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް، އަހުމަދު ޝަރުވަސް އާދަމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަނެ، ދައުލަތަށް ބޭނުންވާ ފައިނޭންސިން ހޯދުމުގައި ސަރުކާރަށް އެކަށީގެންވާ ފިޔަވަޅުތައް އަޅައި ތަންފީޒު ނުކުރެވޭ ކަމަށެވެ. ޝަރުވަސް ފާހަގަކުރެއްވި ގޮތުގައި ބޭރުން ފައިސާ ހޯދުމުގައި މައިގަނޑު ތިން މަގެއް އޮތް ނަމަވެސް، އެ ހުރިހާ ކަމެއްވެސް ބިނާވެފައިވަނީ ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރާއި އަޅާ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށެވެ.
ބޭރުގެ މާލީ ބާޒާރުތަކުން ފައިސާ ހޯދުމަށް ކުރަންޖެހޭ ފުރަތަމަ ކަމަކީ އިންވެސްޓަރުންގެ އިތުބާރު ހޯދުން ކަމަށާއި، އެކަމަށްޓަކައި ރާއްޖޭގެ މެކްރޯއިކޮނޮމިކް މެނޭޖްމަންޓަކީ ކޮބާކަން އަންގައިދޭނެ ވަރުގަދަ އިންޑިކޭޓަރުތަކެއް ދައްކަންޖެހޭކަމަށް ޝަރުވަސް ވިދާޅުވިއެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ދިއުމުގެ ސަބަބުން މިހާރު މާކެޓް އެކްސެސް ގެއްލިފައިވާކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވީ، މާލީ ހާލަތު ރަނގަޅަށް މެނޭޖް ނުކުރެވުމުގެ ނަތީޖާއަކީ ބައިނަލްއަގްވާމީ ބާޒާރުން ފައިސާ ހޯދުމުގެ ފުރުސަތު ބަންދުވުން ކަމަށެވެ.
ދެވަނަކަމަކަށް ސަރުވަޝް ފާހަގަކުރެއްވީ ބައިލެޓްރަލް ނުވަތަ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން އެހީ ހޯދުމެވެ. މިއީ ރާއްޖޭގެ ފޮރިން ޕޮލިސީއާ ސީދާ ގުޅުންހުރި ކަމެއްކަމަށާއި، ބައިލެޓްރަލް އެހީ ނުލިބެނީ ފޮރިން ޕޮލިސީ ފެއިލްވުމުންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 2026 ވަނަ އަހަރުގެ ބަޖެޓުގައި އެކި ގައުމުތަކުން ބިލިއަނުން ފައިސާ ލިބޭނެކަމަށް ޖަހާފައި އޮތް ނަމަވެސް، އެކަމުގެ އަސްލު މަންޒަރު ނުފެނުމުން ކަންބޮޑުވާން ޖެހޭކަމަށް ސަރުވަޝް ވިދާޅުވި އެވެ.
ސަރުވަޝް ވިދާޅުވި ގޮތުގައި ބައިލެޓްރަލް ގޮތުން މަޝްރޫއުތަކަށް ފައިސާ ހޯދުމަކީ ދައުލަތުގެ އަމިއްލަ ޑޮލަރު ރިޒާވް އެހެން މުހިންމު ކަންކަމަށް ބޭނުންކުރުމަށް ލިބޭ ފުރުސަތެކެވެ.
މީގެ އިތުރުން ތިންވަނަ މަގެއްކަމަށް ސަރުވަޝް ވިދާޅުވީ އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކެވެ. މި އިދާރާތަކަށް ދަނީ އެހެން ހުރިހާ ދޮރެއް ބަންދުވެ، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރައްވައި ރާއްޖޭގެ ހޯމް ގްރޯން ރިފޯމް އެޖެންޑާ ހުށަހަޅުއްވިއިރު، އެކަމަށް އެ އިދާރާގެ ތައުރީފް ވެސް ލިބުނުކަމަށް ސަރުވަޝް ވިދާޅުވި އެވެ.
އޭރު ހުށަހެޅީ މި އިސްލާހީ ޕްރޮގްރާމުގެ ދަށުން އާމްދަނީން ތިން ޕަސެންޓް އިތުރުކޮށް، ހަރަދުން ތިން ޕަސެންޓް ކުޑަކުރުމާއެކު ޖުމްލަ ހަތް ޕަސެންޓުގެ އެޖަސްޓްމަންޓެއް ގެނައުމަށް މަސައްކަތް ކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުވަޝް ވިދާޅުވި ގޮތުން މި އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީ ނިޒާމު ހަރުދަނާކުރުމާއި، އާސަންދައިގެ ހަރަދުތައް ކުޑަކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިސްލާހުކޮށް ދައުލަތުން އެތަންތަނަށް ކުރާ ހަރަދު ކުޑަކުރުން ހިމެނެއެވެ. އަދި އައިއެމްއެގެ ލަފާއާއި އިރުޝާދަކީ އެއީަކމަށްވާއިރު ދައުލަތުގެ ގަވަނަންސް އާއި ހާމަކަން ކޮންމެހެން ބޮޑު ކުރަންޖެހޭކަމަށް ސަރުވަޝް ވިދާޅުވިއެވެ.
އެކަންކަން ކުރުމަށްޓަކައިވެސް އަޅުގަނޑުމެންގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި މެނޭޖްކުރުމަށްޓަކައި ފިޔަވަޅުތައް އަޅަންޖެހޭ. އެޑްވައިޒަރުން ގެންނަންޖެހޭ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ބައިނަލްއަގްވާމީ މާލީ އިދާރާތަކާ އެކު ގުޅުންވެސް ހީނަރުވެ، އެ ބޭފުޅުންނާވެސް ވާހަކަ ނުދައްކާ، އަދި އެ ބޭފުޅުންނަށް އެއްވެސްކަހަލަ ޑައިލޮގްއެއް ނުބާއްވާ ދިޔަތަން. ބައިލެޓްރަލީވެސް، ގައުމުތަކާ ވެސް ގުޅުން ހަމަ ގޯސްވެ، އެ ބޭފުޅުންގެ ފަރާތުން މަޝްރޫއުތަކަށްވެސް ފައިސާ ނުދިނީ. އަދި ބަޖެޓް ސަޕޯޓަށް ވެސް ފައިސާ ނުދެވޭ ގޮތަށް، އަދި ކިތަންމެ ވަރަކަށް ބަޖެޓުގައި ޖައްސެވި ކަމުގައި ވިޔަސް ނުދެވޭތަން ފެނިގެން ދިޔައީ. ކްރެޑިޓް ރޭޓިން ދަށްވެ މާލީ ހާލަތު މެނޭޖް ނުކުރުމުގެ ސަބަބުން މާކެޓްގެ އެކްސެސްވެސް ގެއްލިގެން ދިޔަތަން. އެހެންވީމަ ފައިނޭންސިން ހޯދަން އެއްވެސް ދޮރެއް ނެތެއް ނޫންތޯ.
އައިއެމްއެފް އިން މިފަދަ އިރުޝާދުތައް ނުދިންކަމަށް ވިޔަސް މިކަންކަމަކީ، މިއީ ގައުމެއްގެ ގޮތުން އަމިއްލައަށް އެނގި އަޅަންޖެހޭ ފިޔަވަޅުތައްކަމަށް ސަރުވަޝް ވިދަޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ އަމިއްލަ އިސްލާހީ މަސައްކަތްތައް ބައިނަލްއަގްވާމީ އިދާރާތަކުން ގަބޫލުކުރާނަމަ ފައިނޭންސިން ދިނުމަށް އެފަރާތްތައް ތިބީ ތައްޔާރަށްކަމަށާއި، މީގެ ތެރެއިން ކްލައިމެޓް ފައިނޭންސިންއަށް އެކްސެސްވުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.
ސަރުވަޝް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ބައިނަލްއަގްވާމީ އިދާރާތަކާ އޮތް ގުޅުން ހީނަރުވެ، އެކަށީގެންވާ މަޝްވަރާތައް ނުބޭއްވުމުގެ ސަބަބުންނާއި، ބައިލެޓްރަލް ގުޅުންތައް ގޯސްވުމުގެ ސަބަބުން ފައިސާ ހޯދުމުގެ ހުރިހާ ދޮރެއް ބަންދުވިކަމަށެވެ. އަދި ބަޖެޓުގައި ކިތަންމެ ވަރަކަށް ފައިސާ ހޯދާނެކަމަށް ލިޔުނު ކަމުގައި ވިޔަސް، މާލީ ހާލަތު މެނޭޖް ނުކުރެވުމުގެ ސަބަބުން އެކަން ހަގީގަތަކަށް ނުވިކަން ފާހަގަކުރެއްވިއެވެ. އަދި ބަޖެޓުގައި ފައިސާ ހޯދާނެ ކަމަށް ލިޔުނު ކަމުގައި ވިޔަސް، މާލީ ހާލަތު މެނޭޖް ނުކުރެވުމާއި ކްރެޑިޓް ރޭޓިން ދަށްވުމުގެ ސަބަބުން ހުރިހާ ދޮރެއް ބަންދުވެފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު އޮތް ހަމައެކަނި ހައްލަކީ ދަރަނި ދައްކަންޖެހޭ ދުވަހަށް ހުރިހާ ވަސީލަތްތަކެއް އެއްކޮށްގެން ފައިސާ ދެއްކުންކަމަށް އޭނާ ވިދާޅުވިއެވެ.

