ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ މެޖޯރިޓީން ބިލުތައް ފާސްކުރަނީ ރައްޔިތުން، އެއީ ސަރުކާރުން ކުރާކަމެއް ނޫން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި އެކި މައްސަލަތަކުގައި ގޮތް ނިންމަނީ މަޖިލީހުގެ ރިޔާސަތުން ނުވަތަ ސަރުކާރުން ބޭނުންވެގެން ނޫންކަމަށާއި، އެ ކަންކަން ނިންމަނީ ރައްޔިތުން ޕީއެންސީއަށް ދީފައިވާ އަޣުލަބިއްޔަތުން އެ ތާއީދު ލިބިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫއުތައް ހިންގާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ކަނޑާ ވިތްހޯލްޑިން ޓެކްސްގެ ރޭޓު ދެގުނައަށް ބޮޑުކުރުމަށް، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރި ގޮތުގައި، ސަރުކާރުން ބޭނުންވާ ބިލުތައް އެއްވެސް ދިރާސާ ކުރުމެއް ނެތި ހުށަހަޅައިގެން އަވަސް އަރުވާލައި ފާސްކުރުމުން އޭގެ ގެއްލުން ރައްޔިތުންނަށް ލިބޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު މަޖިލީހަށް ފޯރުމަކީ، ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ވިދާޅުވެފަ އެވެ.

ކޮމިޓީ ބަހުސަށް ފަހު ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، ރިޔާސަތަށާއި ކޮމިޓީތަކުގެ ރިޔާސަތަށް އަމާޒުކޮށް، ރަނގަޅަށް ކަންކަން ނިންމުމަށް ނުވަތަ ވަކި ގޮތަށް ނިންމަން ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެއްވެސް ބިލަކާމެދު ރިޔާސަތުން ގޮތް ނުނިންމާނެކަމަށާއި، ކޮމިޓީއާއި ތަޅުމުން ފާސްކުރާ ނިންމުންތައް ފާސްކުރަން ވޯޓު ދެނީ ރައްޔިތުންގެ އަޣުލަބިއްޔަތެއް ދީފައި އޮތް ޕީއެންސީކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ ވޯޓުން ނިންމެވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ނުވަތަ ސުޕަރ މެޖޯރިޓީ ދޭނީ ޕީއެންސީއަށްކަމަށް. އެއީ އަޅުގަނޑު ކުރިކަމެއް ނޫން. އެހެންވީމާ، އެ ބޭފުޅުން ބަހުސްކުރައްވާފައި މަޖިލީހުގެ އަޣުލަބިއްޔަތުން އެ ނިންމަވަނީ. ނިންމަވަނީ….. އެހެންވީމާ، ރައްޔިތުންގެ އަޣުލަބިއްޔަތުން އެ ނިންމަވަނީ އިނގޭތޯ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ޕީއެންސީއަށް މެޖޯރިޓި ދިނީ ސަބަބެއް އޮވެގެންކަމަށާއި، ނިންމާ ނިންމުންތަކުގައި އެ ރައްޔިތުންގެ ތާއީދު އޮންނާނެ ކަމަށެވެ. އެހެންކަމުން މެންބަރުން ބަހުސް ކުރުމަށް ފަހު އަޣުލަބިއްޔަތުން ފާސްކުރާ ބިލެއް ނުވަތަ އިސްލާހެއް އެއީ ސީދާ ރައްޔިތުންގެ ނިންމުމެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަކުރެއްވި އެވެ. އަދި އެއީ މަޖިލީހުގެ ރައީސް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެގެން ނިންމާ ނިންމުންތަކެއްކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ރައްޔިތުންނަށް އޮޅުވާލުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކުރިޔަށް ގެންދާނަމަ، އިދާރީ މޭޒުގައި ތިއްބަވާ ގާނޫނީ ބޭފުޅުންގެ ފަރާތުން އެކަން ހުށަހަޅާނެ ކަމަށެވެ. އަދި މިހާތަނަށް ރިޔާސަތުން ގޯހެއް ހަދާފައިވާކަމަށް ސެކްރެޓޭރިއަޓުން އަންގާފައި ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރުންނަކީ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެކަމަށާއި، ރައްޔިތުންނަށް މައުލޫމާތު ދޭން ޖެހޭނީ ހަގީގަތާ އެއްގޮތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: