އާންމު ދިރިއުޅުމަށް ބޭނުންވާ މުދަލާއި ހިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލެމުންދިއުމުގެ ސަބަބުން ކާބޯތަކެއްޗާއި ދަތުރުފަތުރުގެ އިތުރުން އަސާސީ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ބެލެހެއްޓުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މަސް ނިމޭއިރު އަތުގައި ބާކީވާ ފައިސާގެ މިންވަރު ދުވަހެއް ދުވަހަކަށް މަދުވަމުންދާއިރު، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަކީ ގިނަ ބަޔަކަށް އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެކެވެ.
މިއީ ހަމައެކަނި ވަކިވަކި ވިޔަފާރިތަކުން ނުވަތަ ފިހާރަތަކުން މުދަލުގެ އަގު ބޮޑުކުރުމުގެ ސަބަބުން ދިމާވެގެން އުޅޭ ވަގުތީ މައްސަލައެއް ނޫނެވެ. މީގެ ފަހަތުގައިވަނީ ރާއްޖެއިން އިމްޕޯޓަށް ބަރޯސާވާ މިންވަރު ބޮޑުވުމާއި ބޭރު ފައިސާ ނުވަތަ އެމެރިކާ ޑޮލަރު ލިބުމުގެ ދަތިކަމާއި، ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވުމުގެ އިތުރުން ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ތެލުގެ އަގު އުފުލުން ފަދަ ފުޅާ އިގްތިސާދީ އެތައް މައްސަލަތަކެކެވެ.
ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ ނިސްބަތް ވަނީ 4.0 އިންސައްތައަށް އަރާފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިޕޯޓުތައް ދައްކާގޮތުން 2024 ވަނަ އަހަރު މި ނިސްބަތް ހުރީ 1.4 އިންސައްތައިގައެވެ. މިއީ އެންމެ އަހަރެއްގެ ތެރޭގައި ތަކެތީގެ އަގު އުފުލޭ މިންވަރު ގާތްގަނޑަކަށް ތިން ގުނަ އިތުރުވުމެކެވެ. މި ދަތިކަން 2026 ވަނަ އަހަރުވެސް ކުރިމަތިވަމުންދާއިރު ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލުމާއި ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން މިއަހަރު ރާއްޖޭގެ އިންފްލޭޝަން 6.0 އިންސައްތައަށް އުފުލުމަކީ އެކަށީގެންވާ ކަމެކެވެ.
ތަކެތީގެ އަގު އުފުލެނީ ކީއްވެ؟
ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޭރުން އެތެރެކުރާ މުދަލަށް އިންތިހާއަށް ބަރޯސާވާން ޖެހުމެވެ. ރާއްޖޭގައި އަމިއްލަ އުފެއްދުންތެރިކަން ކުޑަވުމުގެ ސަބަބުން ކާބޯތަކެއްޗާއި، ތެލާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި ބޭސްފަރުވާގެ ސާމާނު ހިމެނޭހެން ގިނަ އަސާސީ ބޭނުންތަކަށް ބޭރު ގައުމުތަކަށް ބަރޯސާވާން ވަނީ ޖެހިފައެވެ. މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ހިނގާ ހަރަދު ބޮޑުވުމުން، އޭގެ ނޭދެވޭ އަސަރު ސީދާ ގޮތެއްގައި ފޯރަނީ އާންމު ކޮންސިއުމަރުންނަށެވެ.
މީގެ އިތުރުން، އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭން ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމަށް ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ލިބުމުގައި ހުރި ދަތިތަކެވެ. ވޯލްޑް ބޭންކުން އިންޒާރު ދީފައިވާ ގޮތުގައި، ބޭރު ފައިސާގެ ތާށިކަމާއި، މާލީ އެހީތެރިކަމާއި ފައިނޭންސް ހޯދުމަށް ހުރި ހަނި ފުރުސަތުތަކުގެ އިތުރުން ދައްކަންޖެހިފައިވާ ބޮޑެތި ދަރަނިތަކުގެ ސަބަބުން އިގްތިސާދަށް ވަނީ ނުހަނު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މުދާ އެތެރެކުރާ ފަރާތްތަކަށް ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން އެކަށީގެންވާ ވަރަށް ޑޮލަރު ނުލިބުމުން، ބޭރު ފައިސާ ހޯދުމަކީ ނުހަނު އުނދަގޫ އަދި ބޮޑު އަގު ދޭންޖެހޭ ކަމަކަށް ވެއެވެ. މީގެ ސަބަބުން އިމްޕޯޓް ހަރަދުތައް އެތައް ގުނައަކަށް އިތުރުވެ، އެ އަގުތައް މުދަލުގެ އަގަށް އިތުރުކުރަން ވިޔަފާރިވެރިންނަށް މަޖުބޫރުވެއެވެ.
ދަރަނީގެ މައްސަލައާއި އިގްތިސާދީ ފިއްތުންތައް
ބޭރު ފައިސާގެ ތަދުވުމަކީ ގައުމުގެ މާލީ ހާލަތާ ވަރަށް ގާތުން ގުޅިފައިވާ ކަމެކެވެ. ރާއްޖޭގެ ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކުރިއަށް އޮތް ތަނުގައި ބޭރުގެ ފަރާތްތަކަށް އަނބުރާ ދައްކަންޖެހޭ ދަރަނީގެ މިންވަރުވެސް ނުހަނު ގިނައެވެ. ވޯލްޑް ބޭންކުން ސިފަކުރާ ގޮތުގައި ރާއްޖެ މިހާރު އޮތީ ދަރަނި ނުދެއްކިދާނެ ފަދަ ނުރައްކާތެރި ހާލަތެއްގައެވެ. އަދި ބޮޑެތި ދަރަނިތަކާއި، ބޭރު ފައިސާގެ ތަދާއި، ފައިނޭންސް ހޯދުމުގެ ދަތިކަން އެކުވުމުން އޮތް ނުރައްކާ އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
މިއީ ސަރުކާރާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ. ބޭރުގެ ދަރަނިތައް ދެއްކުމަށާއި އަސާސީ މުދާ އެތެރެކުރުމަށް ސަރުކާރަށް ޑޮލަރު ބޭނުންވާއިރު، އިގްތިސާދީ އެކި ހަރަކާތްތަކަށް ވިޔަފާރިތަކަށާއި އާންމުންނަށްވެސް ބޭރު ފައިސާ ލިބެން ހުންނަންޖެހެއެވެ. ވަކިން ހާއްސަކޮށް، ބޭރުގެ ދަރަނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހޭ ދަނޑިވަޅުތަކުގައި މި ފިއްތުންތައް އިންތިހާއަށް އިތުރުވެގެންދެއެވެ. ސަބަބަކީ ދަރަނި ދެއްކުމަށްޓަކައި ގައުމުން ބޭރަށް ފައިސާ ފޮނުވަން ޖެހުމުން، ރާއްޖޭގެ އެތެރޭގެ އިގްތިސާދުގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު މަދުވެގެން ދާތީއެވެ.
ދުނިޔޭގެ ބާޒާރުގެ އަގުތަކުގެ ސަބަބުން ކުރިމަތިވާ އިތުރު ގޮންޖެހުންތައް
ދިވެހިރާއްޖެއަށް އެތެރެކުރާ ގިނަ ބާވަތްތަކަކީ ދުނިޔޭގެ ބާޒާރުގައި އޭގެ އަގު ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް ރާއްޖެއަށް އޮތް ތަކެއްޗެއް ނޫނެވެ. ބޭރު ދުނިޔޭގައި ތެލާއި މުދަލުގެ އަގު އުފުލުމަކީ ރާއްޖެއަށް މުދާ އެތެރެކުރުމުގެ ހަރަދު ސީދާ ގޮތުން ބޮޑުވާ ކަމެކެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ޝިޕިންގ ހަރަދުތަކާއި ދަތުރުފަތުރަށް ހިނގާ ހަރަދުތައް ބޮޑުވުމުގެ ސަބަބުން، މުދާ އާންމުންނާ ހަމައަށް ފޯރާއިރު އަގުތައް އިންތިހާއަށް އުފުލިގެންދެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އިން އިންޒާރު ދީފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ބޮޑުވުމާއި ފަތުރުވެރިކަމުގެ ދާއިރާ މަޑުޖެހުމުގެ ސަބަބުން 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް މަޑުޖެހިދާނެއެވެ. އެ އިދާރާގެ މިހާރުގެ އަންދާޒާއަކީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ އެންމެ 1.0 އިންސައްތައިގައި ކަމަށެވެ. ބޭރު ފައިސާ ހޯދުމަށް ފަތުރުވެރިކަމަށް މުޅިންހެން ބަރޯސާވެފައިވާ ގައުމަކަށް، މި ދާއިރާ މަޑުޖެހުމަކީ ބޮޑު ލޮޅުމެކެވެ. ޑޮލަރުގެ މުހިންމުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމަކީ އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރަށް މަދުވެގެންދާނެ ކަމެކެވެ.
އާންމު އާއިލާތަކަށް މި ބަދަލުތަކުގެ އަސަރު ކުރަނީ ކީއްވެ؟
އާންމު ރައްޔިތުންނަށް މި އިގްތިސާދީ ތަފާސްހިސާބުތަކަކީ ހަމައެކަނި އަދަދުތަކެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ ކަންކަން ނިންމުމުގައި ކުރިމަތިލާންޖެހޭ ހަގީގަތްތަކެކެވެ. ކާބޯތަކެތީގެ އަގު ބޮޑުވުމުން، ގަންނަ މިންވަރު މަދުކުރުމާއި، އަގު ހެޔޮ ބާވަތްތަކަށް ބަދަލުވުމާއި އަދި އެހެނިހެން ހަރަދުތައް ކަނޑާލަން ގިނަ އާއިލާތަކަށް ވަނީ މަޖުބޫރުވެފައެވެ.
ދަތުރުފަތުރުގެ ދާއިރާއަށް ބަލާއިރުވެސް ފެންނަނީ ހަމަ މި ހިތި ހަގީގަތެވެ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަނޑުދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރުގެ އަގުތައް އުފުލި، އާންމު ދަތުރުވެރިންނަށާއި، ޓެކްސީ ޑްރައިވަރުންނަށާއި، ޑެލިވަރީ ހިދުމަތް ދޭ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. މިގޮތަށް ދަތުރުފަތުރުގެ ހަރަދު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން، އެހެނިހެން ހުރިހާ މުދަލަކާއި ހިދުމަތްތަކުގެ އަގުވެސް އުފުލިގެންދެއެވެ.
މީގެ ސަބަބުން އާންމު އާއިލާތަކުގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމުގެ ހަރަދުވެސް އިންތިހާއަށް އުފުލެއެވެ. އެހެންނަމަވެސް، ތަކެތީގެ އަގު އުފުލުމުގެ އަސަރު ހުރިހާ އެންމެންނަށް ކުރަނީ އެއްވަރަކަށް ނޫނެވެ. ލިބޭ މަހު އާމްދަނީގެ ބޮޑުބައެއް ކާބޯތަކެއްޗާއި ދަތުރުފަތުރު ފަދަ ޒަރޫރީ ކަންކަމަށް ހޭދަކުރަންޖެހޭ އާމްދަނީ މަދު އާއިލާތަކަށް، މުއްސަނދިންނަށްވުރެ މާ ބޮޑެތި މާލީ ގޮންޖެހުންތަކާއި ނިކަމެތިކަމާ ކުރިމަތިލާން ޖެހެއެވެ.
ސިޔާސީ ކޯޅުންތަކުގެ ތެރޭގައި ނިކަމެތިވަނީ އާންމު ރައްޔިތުމީހާ
އިގްތިސާދީ ދަތިތަކާއެކު ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ފެއިލްވެ ތަކެތީގެ އަގާއި ޑޮލަރުގެ ރޭޓު ކޮންޓްރޯލުން ނެއްޓިއްޖެ ކަމަށެވެ. އަނެއްކޮޅުން ރައީސް މުޢިއްޒުގެ ސަރުކާރުން ބުނަމުންދަނީ މިއީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކުގެ ހިތި ނަތީޖާ ކަމަށާއި މި ހާލަތު ބަދަލުކުރުމަށް މާލީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. ނަމަވެސް ވެރިންނާއި ސިޔާސީ ޕާޓީތަކުން ޕޯޑިއަމްތަކުގައާއި މަޖިލީހުގެ ތަޅުމުގައި މިގޮތަށް ކޯޅެމުންދާއިރު އޭގެ ހުރިހާ ތަކުލީފެއް އުފުލައި ހަނާވަމުން މިދަނީ އާދައިގެ ނިކަމެތި ރައްޔިތު މީހާއެވެ. ފިހާރަތަކުން އަސާސީ ކާބޯތަކެތި ގަންނަން ޖެހޭ އަގު އުފުލި ޑޮލަރު ނުލިބި ބޭސްފަރުވާއާއި ކިޔެވުމުގެ ހަރަދުތައް ބޮޑުވެ، މަސް ނިމޭއިރު ކުއްޔާއި ބިލްތައް ނުދެއްކިގެން އާއިލާތައް ގޮތްހުސްވަމުންދާއިރު، ސިޔާސީ ޒުވާބުތަކުން ރައްޔިތުންގެ ހައިހޫނުކަމާއި ތަކުލީފުތަކަށް އެއްވެސް ލުޔެއް ނުލިބެއެވެ.
މުސްތަގުބަލަށް އޮތް އިންޒާރެއް
ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމަކީ ހަމައެކަނި ހަނޑޫ ބަސްތާއެއްގެ ނުވަތަ ތަރުކާރީގެ އަގު ބޮޑުވުން ނޫނީ ޓެކްސީ ދަތުރަކަށް ކުރާ ހަރަދު އިތުރުވުން އެކަންޏެއް ނޫނެވެ. މިއީ ގައުމުގެ މުޅި އިގްތިސާދީ އޮނިގަނޑުގައި ހުރި ނާޒުކު މައްސަލަތައް ރަމްޒުކޮށްދޭ ކަމެކެވެ. މުދާ އެތެރެކުރުމަށް އޮތް ބޮޑު ބަރޯސާވުމާއި، ބޭރު ފައިސާ ލިބުމުގެ ދަތިކަމާއި، ދައުލަތުގެ ދަރަނި ބޮޑުވުމުގެ އިތުރުން ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ހަމައެކަނި މުދަލުގެ އަގުތައް ކޮންޓްރޯލް ކުރުމަށްވުރެ ފުޅާ ދާއިރާއެއްގައި އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެގޮތުން ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމާއި، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިތުރުން ބޭރުގެ އިގްތިސާދީ ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ގޮތް ހަރުދަނާކުރަންޖެހެއެވެ.
އެހެންނަމަވެސް، އާންމު ދިވެހި އާއިލާތަކަށް މިކަމަކީ ވަރަށް އަވަސް ހައްލެއް ބޭނުންވާ ސެންސިޓިވް މައްސަލައެކެވެ. ކާބޯތަކެއްޗާއި، ދަތުރުފަތުރާއި އަދި ދިރިއުޅުމުގެ އެހެނިހެން ޒަރޫރީ ބޭނުންތަކުގެ އަގު އުފުލިގެންދާ ކޮންމެ ފަހަރަކީ މަސް ނިމޭއިރު އަތުގައި ބާކީ ހުންނަ ފައިސާގެ މިންވަރު މަދުވެ، ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާ ފަހަރެކެވެ. ޤައުމުގެ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އާންމު ރައްޔިތުންގެ ހިތުގައި އޮތީ އެންމެ ސުވާލެކެވެ. އެއީ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެމީހުންގެ މަހު އާމްދަނީ ދެކޮޅުޖެއްސުމަށް އަދި ކިހާ ދުވަހަކު، ކިހާވަރެއްގެ ތަކުލީފެއް އުފުލަންޖެހޭނެތޯއެވެ؟

