ޅ. ހިންނަވަރުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާ ނަމަ 2،000 ރުފިޔާގެ އިދާރީ ފީއެއް ނެގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ހިންނަވަރު ކައުންސިލުން މި ފީ ނެގުމަށް ނިންމާފައިވަނީ ރަށުގެ އާބާދީ މަދުވިޔަ ނުދިނުމަށާއި، ރަށުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ މަގުސަދުގައެވެ. ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި މި އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ގާނޫނު ބަޔާންކުރާ ގޮތުގައި ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންވެއެވެ. މިގޮތުން ރާއްޖޭގެ އެކި ރަށްރަށުން އެންމެ ގިނަ މީހުން އާންމުކޮށް ރަށްވެހިކަން ބަދަލުކުރަމުންދަނީ ވެރިރަށް މާލެއަށެވެ.

