ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްކާގެ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުން ދިވެހިރާއްޖޭގެ ޝާޔާ 4 ވަނަ ހޯދައި ތާރީހީ ކާމިޔާބީއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ހިތުން ދަސްކޮށް ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު (މއ. އަސާސް) މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ދުނިޔޭގެ ފެންވަރުގައި ފަހުރުވެރި 4 ވަނަ ހާސިލްކޮށްފިއެވެ.

އެ މުބާރާތުން 4 ވަނަ ހޯދި ޝާޔާއަށް އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސައޫދީ ރިޔާލް ވަނީ ލިބިފައެވެ. މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ 46 އަހަރު ވެފައިވާ އެ މުބާރާތުގައި ދުނިޔޭގެ 133 ޤައުމަކުން ބައިވެރިވިއިރު، އެ މުބާރާތުގެ ތާރީހުގައި އަންހެން ބައިވެރިންނަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މި އަހަރުއެވެ. މީގެ ކުރީގެ މުބާރާތްތަކުގައި އަންހެން ބައިވެރިންގެ ގޮފިތަކެއް ހިމަނާފައެއް ނުވެއެވެ.

އެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ޓަކައި ހާއްސަ ހަފްލާއެއް ބާއްވާފައިވަނީ ރޭ މައްކާގެ މަސްޖިދުލް ހަރަމްގައެވެ. އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. އޭގެ އިތުރުން ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރާއި، މަސްޖިދުލް ޙަރަމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ ޝަހީމް ކުރެއްވި އެކްސް ޕޯސްޓް

އެ ޖަލްސާގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދިވެހިރާއްޖެ ތަމްސީލު ކުރި ބައިވެރިއަކަށް މިފަދަ ބޮޑު މުބާރާތަކުން ވަނައެއް ލިބުމަކީ މުޅި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ.

އެ ޖަލްސާގެ ތެރެއިން ސަޢޫދީ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ އަރިހަށް ވަޑައިގެން، އެ ފަހުރުވެރި ކާމިޔާބީއަށް މަރުހަބާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: