މޯލްޑިވްސް ޓްރާންސްޕޯޓް ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުންނަށް ފްލެޓް ދިނުމަށް ހިންގާ ހިޔާ ހައުސިން ސްކީމްގެ މަޝްރޫއަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ، އެ ކުންފުނީގެ ހިޔާ މަޝްރޫއަށް ބިމެއް ހަމަޖެއްސުމަށް ޓަކައި މި ހަފުތާގައި އެޗްޑީސީއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރިޓަޔަޑް އަހުމަދު ސައުދީއާއި އެޗްޑީސީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރާއި ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުންފުނީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަ ކުރާ ކަމެއް ކަމަށާއި އެކަން ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުން ގަބޫލުކޮށް، އެއީ މުވައްޒަފުންގެ ހެވާއި ލާބަޔަށް ޓަކައި ކޮންމެހެން ވެސް ކޮށްދޭންޖެހޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެމްޓީސީސީގެ ބަޔާނުގައި ފާހަގަކޮށްފަވިއެވެ. އެހެންވެ، އެމްޑީ ސައުދީގެ އިސްނެންގެވުމުގެ މަތިން، އެމްޓީސީސީގެ ހިޔާ މަޝްރޫއު އަލުން ކުރިއަށްގެންދިޔުމަށް ޓަކައި ބިމެއް ހަމަޖައްސައިދިނުމަށް ރައީސް އޮފީހުގައި އެދުނު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ”ހިޔާ ހައުސިން ސްކީމް“ ތައާރަފުކުރީ އޯގަސްޓު 15، 2018ގައެވެ. އޭރު އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން 14 ބުރީގެ ދެ ޓަވަރުގައި ޖުމްލަ 400 ފުލެޓް އަޅާނެ ކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއު ހަވާލުކުރުމުގައި އެމްޓީސީސީއަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލައެއް ބަލަން ފެށިއެވެ.
އެ މައްސަލައިގައި މިދިޔަ އަހަރު އޭސީސީން ބުނީ އެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށެވެ. އަދި، އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަންޖެހޭ ފަދަ ޚިލާފުތައްވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް ފައިސާ ދިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީގެ ތަހުގީގުން ދެއްކި ގޮތުގައި، އެ އަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް ލިބުނު ގެއްލުމުގެ އަގު 39.2 މިލިއަން ރުފިޔާއަށް އަރައެވެ. އެހެންވެ މިދިޔަ އަހަރު، އޭސީސީން ވަނީ އެ 39 މިލިއަން ރުފިޔާއާއި އޭގެ އިތުރަށް ލިބިފައިވާ މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގައިފައެވެ.
މީގެ އިތުރުން އެ މައްސަލައިގައި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި އޭރު ހުރި ހަސަން ޝާހް ހިމެނޭ ގޮތަށް ފަސް މީހަކަށް ދައުވާކުރަން އޭރު އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ.
އެމްޓީސީސީގެ މެނޭޖްމެންޓުގެ އަމާޒަކީ، ބިން ހަމަޖެހުމާއެކު މަޝްރޫއު ވީހާވެސް އަވަހަށް ފެށޭނެ އިންތިޒާރު ހަމަޖެއްސުން ކަމަށް ކުންފުނިން ބުނެއެވެ.

