ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މެޓުން ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 13:45 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.
އެ އިދާރާއިން މައުލޫމާތު ދީފައިވާގޮތުން ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުންކަމަށް މެޓުން ލަފާކޮށްފައިވާއިރު އެހެނިހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ވައިޖެހޭއިރު، ވައިގެ ބާރުމިން ހުރިހާ ސަރަހައްދަކަށް ވެސް ހުންނާނީ ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގައި ކަމަށް މެޓުން މައުލޫމާތުދެއެވެ. އަދި، ވިލާގަނޑުގައި ގާތްގަނޑަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މިއަދު އާދައިގެ ވަރަކަށް ކަނޑުތައް ގަދަ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރިއެވެ. ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ފަސް ފޫޓާ ދެމެދުގައެވެ. މެޓުން ވަނީ، މެދުރާއްޖެތެރެއާއި ދެކުނުގައި ދިރިއުޅޭ މީހުން، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

