މިޑްލް އީސްޓް ކްރައިސިސްއާއި ގުޅިގެން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިއަހަރުގެ މާރޗް އަދި އޭޕްރިލްމަހު ދަށަށް ދިޔަ ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ވަތް މިންވަރު އެކެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ދިވެހިރާއްޖެއަށް އިޤްތިސާދިގޮތުން ދިމާވެފައިވާ ޖޮންޖެހުންތަކަށް އަލިއަޅުވާލާ ގަވަނަރ އަހުމަދު މުނައްވަރު ވިދާޅުވީ، މިޑިލްއީސްޓް ކްރައިސިސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި މިއަހަރުގެ މާރޗް އޭޕްރިލްގައި މަޑުޖެހިގެންގޮސްފައިވާކަމަށެވެ. އެގޮތުން އެހެން ކްރައިސިސްތަކާއި ޚިލާފަށް މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް މީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ގަވަނަރ ވިދާޅުވިއެވެ. އެގޮތުން ހަނގުރާމައާއި ގުޅިގެން ފުރަތަމަ ކަމަކަށް މާރޗް އޭޕްރިލްގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވިކަން އޭނާ ފާހަގަކުރެއްވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އިމްޕޯޓް މުދަލާއި އަދި ތެލުގެ ވިޔަފާރިއަށްވެސް ހަނގުރާމައިގެ ސަބަބުން އަސަރުތަކެއް ކުރިކަމަށެވެ.
ހަނގުރާމަ އެއްކޮށް ހަމަޖެހިފައިނުވިކަމުގައި ވިޔަސް އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތުން މަޑުމަޑުން ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށް ގަވަނަރ ވިދާޅުވިއެވެ. އެގޮތުން މިހާރު ޖުމްލަ އެރައިވަލްސް ނިސްބަތުން ދައްވެފައިވީކަމުގައި ވިޔަސް ފަތުރުވެރިކަމުގެ ދާއިރާއިން ޖުމްލަ ލިބޭ އާމްދަނީވަނީ ގާތްގަނޑަކަށް 1 އިން ސައްތަ އިތުރުވެފައިކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް، މި ހާލަތު މަޑުމަޑުން ބަދަލުވެ، ފަތުރުވެރިކަން އަލުން ކުރިއަރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން މުޅި ބޭންކިން ސެކްޓަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއިންނާއި އެހެނިހެން ދާއިރާތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީގެ އިތުރުން މުޅި ޖުމްލަ 18 އިން ސައްތައިގެ ޑިޕޮސިޓް އިތުރުވެފައިވާކަމަށް ގަވަނަރ ވިދާޅުވިއެވެ. އަދި ކްރެޑިޓް ގްރޯތުވެސް 18 އިން ސައްތަ އިތުރުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މުޅި ޖުމްލަ ބޭންކިންގ ސެކްޓަރ ތެރޭގައި 18 އިން ސައްތައިގެ ޑިޕޮސިޓް އިތުރުވެފައިވަނީ، ހަމަ އެގޮތަށް ކްރެޑިޓް ގްރޯތުވެސް އިތުރުވެފައިވޭ 18 އިން ސައްތަ ، އޭގެ މާނައަކީ ބޭރު ފައިސާ އެބަ ވަދެއޭ. މާނައަކީ ކޮވިޑް ތެރޭގައި އައި ކަހަލަ ކުއްލި ޑިޕެއް އައިސް ބޭރު ފައިސާ ނުލިބުމުގެ ދައްޗެއް މިހާރަކު ނެތޭ“ ގަވަނަރ
ރަސްމީ ރިޒާވްއާ ގުޅޭގޮތުން ގަވަރުނަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ކުރިއާ އަޅާބަލާއިރު ދެގުނަ މައްޗަށް އަރާފައިވާތީ ތެލަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ރަސްމީ ރިޒާވްގެ މިންވަރު މަތިކުރުމަށް އެމްއެމްއޭއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

