ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަ ޑޮލަރުން ލިބުނަސް ކަޅު ބާޒާރުގައި ވިއްކުމަކީ ކުށެއް، ފިޔަވަޅު އަޅާނަން: އިހުސާން

ހޯމް މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި މާރުކުރުމަކީ ގާނޫނީ ގޮތުން ޖިނާއީ ބޮޑު ކުށެއްކަމަށާއި، ޑޮލަރުން އާމްދަނީ އާއި މުސާރަ ލިބޭ މުވައްޒަފުން ޣައިރު ގާނޫނީ މުއާމަލާތްތައް ހިންގާނަމަ ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ރާއްޖޭގެ މާލީ ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތްތައް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބެލުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ) އާއި ސަރުކާރުގެ ތަންފީޒީ އިދާރާތައް ގުޅިގެން ފުޅާ ދާއިރާއެއްގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުން ފާހަގަކުރެވުނު ގޮތުގައި، އެމްއެމްއޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ސައްހަ ހުއްދައާއެކު މަނީ އެކްސްޗޭންޖުގެ ހިދުމަތް ދެމުންދަނީ އެންމެ 63 ތަނުންކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އެއްވެސް ހުއްދައެއް ނުނަގައި ގަވައިދާ ހިލާފަށް މި ވިޔަފާރިކުރާ ގިނަ ފަރާތްތަކެއް މާލެއާއި އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާކަމަށް އިހުސާން ވިާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ހުއްދަނެތް އެންމެ 7 ތަނަކުން ވެސް ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 76 މިލިއަން އެމެރިކާ ޑޮލަރު ވަނީ ކަޅު ބާޒާރުގައި ގަވައިދާ ހިލާފަށް މާރުކޮށްފައެވެ. މި ފައިސާ ކަޅު ބާޒާރަށް ވާސިލުވާ ގޮތާ ގުޅޭގޮތުން އިހުސާން ވިދާޅުވީ، ހުއްދަނެތި މިކަން ކުރާ ފަރާތްތަކަކީ އަމިއްލައަށް ރާއްޖެއަށް ޑޮލަރު އެތެރެކުރާ ބައެއް ނޫންކަމަށާއި، މި ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދެނީ ރާއްޖޭގައި ޑޮލަރުން ބޮޑެތި އާމްދަނީތައް ހޯދަމުން އަންނަ ބޮޑެތި ވިޔަފާރިތަކުން ކަމަށެވެ.

މީގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓު ޗެއިންތަކާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތްދޭ ކޮންސްޓްރަކްޝަން ބޮޑެތި ކުންފުނިތައް ހިމެނޭކަމަށް އިހުސާން ވިދާޅުވި އެވެ. ރާއްޖޭގެ މަޝްހޫރު އެއް ރިސޯޓު ޗެއިނަކުން އެކަނިވެސް ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 4 މިލިއަން ޑޮލަރު ކަޅު ބާޒާރަށް ވިއްކާފައިވާކަން ހޯދުންތަކުން އެނގިފައިވާކަން އިހުސާން ފާހަގަކުރެއްވި އެވެ.

އިހުސާން ވިދާޅުވީ، ރަސްމީ ނިޒާމުގެ ތެރެއިން އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ބަލާއިރު ރިސޯޓުތަކުގައި ޑޮލަރު ނެތްކަމަށް ބުނި ނަމަވެސް، ކަޅު ބާޒާރަށް ނެރެ ވިއްކަން އެ ފަރާތްތަކުގެ އަތުގައި އެތައް މިލިއަން ޑޮލަރެއް ހުންނަ ކަމަށެވެ.

އިހުސާން ވިދާޅުވީ ވަޒީފާ އަދާކޮށްގެން ޑޮލަރުން މުސާރަ ލިބޭ މުވައްޒަފުން ވެސް އެ ޑޮލަރު ކަޅު ބާޒާރުގެ އަގުގައި ވިއްކުމަކީ ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތް ކުރުމުގެ ތެރެއަށް ވަދެވި، ސީދާ ޖިނާއީ ކުށަކަށް އަރައިގަނެވޭ އަމަލެއް ކަމަށެވެ.

ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެއް. އެ ޖިނާއީ ކުށް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ބޭނުމަށް ވިޔަސް ނުވަތަ ވިޔަފާރިއަށް ބޭނުންކުރުމަކީ ޤާނޫނީ ގޮތުން މަނީ ލޯންޑަރިންގ. ވަރަށް ގިނަ ބޭފުޅުންނަށް މިއީ އާދައިގެ ކަމެއްގެ ގޮތުގައި ހީވެގެން ނޭނގި ތިބެ ވެސް މި ކުށުގެ ތެރެއަށް ވަދެވެނީ. އެހެންކަމުން ވަކިވަކި ފަރުދުންނާއި ކުންފުނިތަކުން ވެސް މިފަދަ ޢަމަލުތަކުން ދުރުހެލިވެ، ހަމައެކަނި އެމްއެމްއޭގެ ހުއްދަ އޮންނަ ލައިސެންސްޑް ތަންތަނުން އެ ކަނޑައަޅާފައިވާ ރަސްމީ ރޭޓުގައި މުޢާމަލާތް ކުރުމަށް ވަރަށް ބޮޑަށް އެދެން

ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިގެންދަނީ އާދައިގެ މާކެޓް އުސޫލުތަކުން ނޫން ކަމަށާއި، މިއީ ބައެއް ސިޔާސީ ފަރާތްތަކާއި ނުފޫޒުގަދަ ބަޔަކު އަޑީގައި ތިބެގެން، ހެނދުނު ހޭލައިގެން ފޯނުން ގުޅައި ވަކި ރޭޓުތަކެއް ކަނޑައަޅައިގެން މާކެޓް މެނިޕިއުލޭޓް ކޮށްގެން ހިންގާ ނުރައްކާތެރި ޖަރީމާއެއްގެ ގޮތުގައި އިހުސާން ސިފަކުރެއްވި އެވެ.

މިކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ހަރުކަށިކޮށް ފަށާފައިވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އެމްއެމްއޭގެ ގަވައިދުތަކާއި ހިލާފަށް ބޮޑު ރޭޓުގައި ކުރާ ކޮންމެ މުއާމަލާތަކަށް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ގާނޫނުތައް ތަންފީޒުނުވެ އޮތުމަކީ ދުވަހަކުވެސް އެކަން ނުކުރާނެކަމަށް ބަލައިގެން ތިބެންޖެހޭ ސަބަބެއް ނޫންކަމަށާއި، މި ސަރުކާރުން ވަކި މީހެއްގެ މޫނަކަށް ނުވަތަ ކަނދުރާއަކަށް ބެލުމެއް ނެތި ގާނޫނު އަރާ ހަމަކުރާނެކަމަށް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: