ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ޣައިރު ގާނޫނީ ގޮތުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ ބާރު ލިބިދޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ކުށްކުރާ ފަރާތްތަކުން ނާޖާއިޒު ގޮތުގައި ހޯދާ މުދަލާއި ފައިސާއިން އިތުރު މާލީ މަންފާއެއް ހޯދުމުގެ ދޮރުތައް އެއްކޮށް ބަންދުކޮށްލުން ކަމަށެވެ. އަދި އެފަދަ މުދާތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ މި ބިލުގެ މުހިންމު ބޭނުމެއްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެކި ފަރާތްތަކުން ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދަލާއި ފައިސާ އަނބުރާ ހޯދުމުގައި މިހާރު ގާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ހުރަސްތަކަށް މި ބިލު ގާނޫނަކަށް ވުމުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑްރިން ފަދަ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް މިހާރުވެސް ދައުވާ އުފުލާއިރު އެދެމުންދެއެވެ. ނަމަވެސް، ފުރިހަމަ ގާނޫނީ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކޯޓުތައް މެދުވެރިކޮށް އެފަދަ މުދާ ދައުލަތަށް ނެގުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

