ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސްއަށް މަކަރު ހަދާ މީހުންނަށް ބޮޑެތި ޖޫރިމަނާތަކާއިއެކު ޖަލު އަދަބު!

އިގްތިސާދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ދައްކަންޖެހޭ ޓެކްސްގެ ފައިސާއަށް މަކަރު ހަދައި، ޓެކްސްއާ ގުޅޭ އެކި ކުށްތައް ކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅުމުގެ އިތުރުން ޖަލު އަދަބު ވެސް ދެވޭ ގޮތަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ކޮމިޓީން ފާސްކޮށްފިއެވެ.

ޓެކްސް ނިޒާމު ހަރުދަނާކޮށް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ފުރިހަމައަށް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށް ބުނެ ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބިލު ފާސްކުރީ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީ މަރުހަލާގައި މި ބިލަށް އިސްލާހެއް ގެނެސްފައިވާއިރު، އެއީ ބިލުގައި ހިމެނޭ 64 ވަނަ މާއްދާގެ (ރ) އުނިކުރުމެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެ މާއްދާ އުނިކުރަން ހުށަހެޅީ، މިހާރު ވެސް އަމަލުކުރަމުންދާ ގާނޫނުގައި އެ މާއްދާ އެގޮތަށް އޮތުމުން އަލުން ބިލުގައި އެ މާއްދާ ހިމަނަން ނުފެންނަކަމަށް ވިދާޅުވެ އެވެ.

މި ބިލުގެ މަސައްކަތުގައި ޓެކްސް ފައިސާގެ 0.5 އިންސައްތައިގެ ޖޫރިމަނާ ދަމަހައްޓައި، ބަޔާން ހުށަނާޅައި ވޭތުވާ ކޮންމެ ދުވަހަކަށް ގާނޫނުގައި ކުރިން އޮތް ”50 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން“ ޖޫރިމަނާ ކުރުމުގެ ބަދަލުގައި، ކޮންމެ ދުވަހަކަށް ސީދާ 50 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ކަނޑައެޅިފައިވާ ތާރީހަށް ޓެކްސް ނުދައްކައި ލަސްވާ ހާލަތްތަކުގައި، ނުދައްކައި އޮތް އަދަދުން ދުވާލަކަށް ނަގަމުން އައި 0.05 އިންސައްތައިގެ ޖޫރިމަނާ ރޭޓު ވަނީ 0.1 އިންސައްތައަށް ދެގުނަ ބޮޑުކޮށްފައެވެ.

މި ބިލުގެ ދަށުން، އެކަށީގެންވާ ސަބަބެއް ނެތި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަމިއްލައަށް ކަނޑައަޅައި ބިނާކުރުމުގެ އިހުތިޔާރު މީރާއަށް ލިބިގެންދެއެވެ. އަދި ޓެކްސްގެ ގާނޫނާ ހިލާފުވެގެން ކުރާ ޖިނާއީ ކުށްތަކުގައި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް 8 އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މަދަނީ ފިޔަވަޅު އެޅުމަށް ގާނޫނުގައިވާ 2 އަހަރު ދުވަހުގެ މުއްދަތު ގުނާނެ ގޮތް ވަނީ ސާފުކޮށްދީފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: