ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުކަމަށް ޝަމްޢޫން ހަމީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެމްބަރެއްގެ މަގާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހަށް ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެ މުއްދަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ދެ ބޭފުޅުންގެ ނަމެވެ.
މި މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ މިހާރު ވެސް އެޗްއާރުސީއެމްގެ މެންބަރުކަމުގައި އިންނެވި ސަމާއުގެ ނަމާއި ޝަމްޢޫންގެ ނަމެވެ.
އެ މައްސަލަ ދިރާސާކުރުމަށްފަހު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ޝަމްޢޫނަށް 92 އިންސައްތަ މާކްސް ދެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްޢޫން އެ މަގާމަށް އައްޔަނުކުރުމަށް 57 މެމްބަރުން ވޯޓު ދެއްވިއެވެ.
ޝަމްއޫން ހަމީދު ވަނީ މީގެ ކުރިން އެޗްއާރުސީއެމްގައި އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް އޭނާ އަދާކުރެއްވިއެވެ.
މި ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު ކޮމިޓީންވަނީ ދެ ބޭފުޅުންގެވެސް ޝަރުތު ހަމަވާކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ޝަމްއޫން އެ މަޤާމަށް އައްޔަން ކުރުމަށެވެ.

