ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތައް ފަދަ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކޮންމެ މަހަކު ލިބޭ ޖުމްލަ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލަށް، އޭ ކެޓަގަރީގެ ވިޔަފާރިތަކުން މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ޖަމިއްޔާ (މަޓީ) އިން މިކަމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވަނިކޮށެވެ. މަޓީން ބުނެފައިވަނީ ރިސޯޓުތަކުގެ ހިންގުމުގެ ހަރަދުތަކާއި، މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު، ދައުލަތަށް ދައްކަންޖެހޭ އެކި ޓެކްސްތައް ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ހިމެނޭހެން، ބޭރުގެ ލޯނުތައް ދައްކަންޖެހެނީ ޑޮލަރުންކަމަށް ވާތީ، 40 ޕަސެންޓް މާރުކުރުމަކީ ވިޔަފާރިތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ.
މީގެއިތުރުން، ބައެއް ފަރާތްތަކުން ޑޮލަރުގެ ކަޅުބާޒާރުގެ މުއާމަލާތްތައް ހިންގާކަމަށް ސަރުކާރުން ތުހުމަތުކުރާއިރު، މުޅި ސިނާއަތަށް އަދަބު ލިބޭ ގޮތަށް ފިޔަވަޅު އެޅުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް މަޓީން ވަނީ ބުނެފަ އެވެ.

