ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަކީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ސަބަބުން ދިމާވެފައިވާ ހާލަތެއްކަމަށާއި، އޭގެ ބުރަ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ބޮލުގައި އެޅުވުމަށް ކުރާ މަސައްކަތްތައް ބަލައިނުގަނެވޭނެކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.
ޓީމްއިން މިހެން ބުނެފައިވަނީ ރިސޯޓުތަކަށް ވަންނަ ބޭރު ފައިސާގެ އާމްދަނީން ސަރުކާރަށް މާރުކުރަން މަޖުބޫރުކުރާ ނިސްބަތް 40 އިންސައްތައަށް މަތިކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއް ނެތި، ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހު ފާސްކޮށްފައެވެ.
ޓީމްގެ ބަޔާނުގައި ބުނެފައި ވަނީ، މި ނިންމުމުގެ ސަބަބުން ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން ލިބޭ އާމްދަނީއާއި ސާވިސް ޗާޖަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެކަމަށެވެ. އަދި ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާއަށް މުވައްޒަފުންނަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ ކަމުގެ އެއްވެސް ކަށަވަރުކަމެއް ނެތި، ޑޮލަރު އާމްދަނީ މަޖުބޫރީ ހާލަތެއްގައި ރުފިޔާއަށް ބަދަލުކުރުމަކީ މުވައްޒަފުންނަށް މާލީ ގޮތުން ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ބުނެފައި ވެއެވެ. ބަޔާނުގައި ބުނެފައި ވަނީ މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކެއްގެ ބަދަލު މުވައްޒަފުންގެ އަތުން ހޯދަން އުޅުމަކީ ބޭއިންސާފެއްކަމަށެވެ.
މީގެއިތުރުން ޑޮލަރުގެ ތާށިކަން ހައްލުކުރުމަށްޓަކައި ރިސޯޓު މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމުގެ ބަދަލުގައި، ދައުލަތުގެ އިސްރާފު ކުޑަކުރުމަށް ޓީމުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، ބޭރު ގައުމުތަކުގައި ހިންގާ ބޭކާރު އެމްބަސީތަކުގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން، މިވަގުތަށް ކޮންމެހެން މުހިންމު ނޫން މަޝްރޫއުތައް މަޑުޖައްސާލުމަށް ގޮވާލާފައިވުން ހިމެނެ އެވެ.

