މާލޭގެ ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގައި އަންހެނަކު މަރުވެ، ކުޑަކުއްޖެއްގެ ހާލު ދެރަވެއްޖެއެވެ.
އެ ހާދިސާގައި މަރުވި އަންހެން މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.
މީގެ އިތުރުން، ހާދިސާގައި ހާލު ދެރަވި ކުޑަކުއްޖާއަށް ހައިޕަބެރިކް ޗެމްބާގައި ފަރުވާދޭން ޖެހޭތީ، އެ ކުއްޖާ މިހާރު ވަނީ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ގޭސް ވަސް ވަރަށް ގަދައަށް ހުރި ކަމަށް އެ ސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދެއެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މާލެ، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައިވެއެވެ. ނަމަވެސް، އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

