ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ތިން މަހު، އާންމު މިންވަރަށް ވުރެ ހޫނުމިން މަތިވާނެ: މެޓް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގެ ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހާމަކޮށްފިއެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ މޫސުމީ ލަފާކުރުންތަކަށް ބަލާއިރު، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި އެ މުއްދަތުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އެ މުއްދަތުގައި ވާރޭވެހޭނެ މިންވަރު އާންމު މިންވަރަށް ވުރެ ދަށް ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އެ ބަދަލަކީ ’އެލްނީނޯ‘ އަދި ’އިންޑިއަން އޯޝަން ޑައިޕޯލް’ގެ ނުފޫޒާ ގުޅިގެން އަންނަ ބަދަލުތަކެއް ކަމަށާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިވެ، ވައި މަޑުވުމުގެ ސަބަބުން އަސްލު ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އިތުރަށް މަތިވާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު އިތުރަށް ގަދަވަމުންދާ ކަމަށެވެ. އެގޮތުން އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައިވާއިރު، ނީނޯ 3.4 އިންޑެކްސް އޮގަސްޓު މަހުގެ މެދުތެރޭގައި ވަނީ 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިކަމަށް ވަނީ ބުނެފައެވެ. އަދި އެލްނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ފެންނަނީ ހޫނުމިން ވަރަށް ބޮޑަށް މަތިވަމުން ދާތަން ކަމަށާއި ކަނޑާއި ޖައްވުގެ ހާލަތުން ވެސް މިހާރު އަންގައި ދެނީ އެލްނީނޯ އަސަރުތައް ކަަމަށް މެޓުން ވިދާޅުވެއެވެ.

”އެލްނީނޯ“ގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، ”އެލްނީނޯ“ގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާނެ މައިގަނޑު އަސަރުތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ކުރިމަތިވާ ނުރައްކާތައް ހިމެނޭ ކަމަށް މެޓުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނޭ ކަމަށް މެޓުން ވަނީ ބުނެފައެވެ. އެހެންވެ، އެފަދަ ބަދަލުތަކަށް އެ ދާއިރާތަކުން ތައްޔާރުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހިރާއްޖެއަށް ކުރާ މައިގަނޑު އަސަރުތައް:

  • ފަރުތައް ހުދުވުން: ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކަށް ނުހަނު ބޮޑަށް އަސަރުކޮށް، އަތޮޅުތަކުގެ ގާހުދުވުމާއި ފަރުތައް ހަލާކުވުމަށް މެދުވެރިވެއެވެ.
  • ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތައް: އެލްނީނޯގެ ސަބަބުން މޫސުމަށް ބަދަލު އައިސް، ވާރޭވެހޭ މިންވަރު މަދުވެ، ހަނަފަސްކަން ކުރިމަތިވެއެވެ. މީގެ ސަބަބުން ވާރޭފެނަށް ބަރޯސާވާ ރަށްރަށަށް ފެނުގެ ދަތިކަން ކުރިމަތިވެއެވެ.
  • ކަނޑުގެ ލޮނުގަނޑާއި ގޮނޑުދޮށްތަކަށް ކުރާ އަސަރު: ސަރަހައްދީ ވައިގެ ދައުރުވުމާއި ކަނޑުގެ އޮޔަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ވަގުތީ ގޮތުން އުފުލި، ގޮނޑުދޮށް ގިރުމާއި ކުޅިފާލަންތަކަށް ލޮނު ވަނުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
  • މަސްވެރިކަމަށް ކުރާ އަސަރު: ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން މަތިވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ފުން ސަރަހައްދުތަކަށް ދިއުމާ ގުޅިގެން، މަސްވެރިން ބާނާ މަހުގެ މިންވަރު ވަގުތީ ގޮތުން ދަށްވެއެވެ.
  • ސިއްހީ ނުރައްކާތައް: ހަނަފަސްކަމާއި ފެނުގެ ދަތިކަމުގެ އިތުރުން މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ފަދަ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑުވެއެވެ.

މޫސުމަށް އަންނަ މިފަދަ ބަދަލުތައް ދެނެގަތުމަށް ޓަކައި، މޫސުމާބެހޭ ގައުމީ އިދާރާއާއިން އެލްނީނޯ އާއި އިންޑިއަން އޯޝަން ޑައިޕޯލް (އައި.އޯ.ޑީ) އަށް އަންނަ ބަދަލުތައް މެދުނުކެނޑި ދަނީ މޮނިޓަރ ކުރަމުން ކަމަށް އެ އިދާރާއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: