ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ކާރިސާއާ ގުޅިގެން ގެއްލުންވި މީހުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ހުޅުވާލައިފިއެވެ.
ރެޑް ކްރެސެންޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައިވާ ގޮތުން، ކްރައުޑު ފަންޑިން ޕްލެޓްފޯމެއް ކަމަށްވާ ”ގިވްއޭޝިޔާ“ މެދުވެރިކޮށް އަދި ބީއެމްއެލާއި އިސްލާމިކް ބޭންކު މެދުވެރިކޮށް ޑޮލަރުން ވެސް ރެޑް ކްރެސެންޓަށް ފައިސާ ފޮނުވޭނެއެވެ.
އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށާއި އެ ފައިސާ ފޮނުވަން ހަމަޖެހިފައިވަނީ ނޭޕާލްގެ ރެޑް ކްރޮސް ސޮސައިޓީއަށް ކަމަށް ބުނެފައިވެއެވެ. ރެޑް ކްރޮސް ސޮސައިޓީއަށް ފައިސާ ފޮނުވާނީ އިންޓަނޭޝަން ފެޑެރޭޝަން އޮފް ރެޑް ކޮރޮސް އެންޑް ރެޑް ކްރެސެންޓު ސޮސައިޓީސް (އައިއެސްއާރުސީ) މެދުވެރިކޮށެވެ.
ޓިބެޓުގެ ހިމާލިޔާ ފަރުބަދަ ސަރަަހައްދުގައި ގްލޭޝިއާއެއް ނުވަތަ ބޮޑު ގަނޑު ފެންގަނޑެއް ކަނޑައިގެން ދިޔުމުގެ ސަބަބުން ތާށިވެފައި ހުރި ފެން ފަރުބަދަމަތިން ފައިބައި ހިނގި ނުރައްކާތެރި ކާރިސާގައި 93،000 އަށް ވުރެ ގިނަ މީހުންގެ ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށް ނޭޕާލްގެ ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
އެ ކާރިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ހޯދި ހޯދުންތަކުން، ނޭޕާލްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކަށް އެ ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

