ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުއެމްއެމްއޭގެ މިނިވަންކަން ގެއްލި، ސަރުކާރުގެ ވަޒީރުންނާއެކު ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކުގައި ގަވަރުނަރު ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެނުމުން ބޭރުގެ ދުނިޔެއަށް މާލީ ނިޒާމާމެދު އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ މައްސަަލައިގައި ސަރުކާރުން އަޅާ ފިޔަވަޅުތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގަވަނަރު އަހުމަދު މުނައްވަރު ބައިވެރިވެވަޑައިގެން ސަރުކާރުގެ މާލީ ސިޔާސަތުތައް ވަނީ ދިފާއު ކުރައްވާފަ އެވެ. އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ހޯމް މިނިސްޓަރ އަލީ އިހުސާން އަދި ފިނޭންސް މިނިސްޓަރ ޒަރީރުގެ މި ޕްރެސްގައި ޑޮލަރާއި ގުޅޭގޮތުން ކުރިޔަށް އޮތްތަނުގައި އެޅުމަށް ގަސްދު ކުރާ ބައެއް ފިޔަވަޅުތައް ވެސް އިއުލާނުކޮށްފައި ވެއެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމެއްގައި މަރުކަޒީ ބޭންކުގެ މިނިވަން މަނިޓަރީ ސިޔާސަތުތައް ހާމަކުރުމަށްޓަކައި ގަވަރުނަރު ވަޒީރުންގެ އަރިހުގައި ރައީސް އޮފީހުގެ ޕޯޑިއަމްތަކަށް އަރައިވަޑައިނުގަންނަވާނެއެވެ. އަދި އެފަދަ ކަންކަން ކުރިއަށްދާންވާނީ ސީދާ އެމްއެމްއޭގެ ތެރޭގައި މިނިވަންކަމާއެކުކަމަށް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ގަވަރުނަރު ވަޒީރުންނާއި އެކު އިންނެވުމުން މަރުކަޒީ ބޭންކުގެ ގަދަރާއި ހައިބަތު ގެއްލިފައިވާ މިންވަރު ދައްކުވައިދޭ ކަމަށެވެ.
މީގެއިތުރުން އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ފައިސާ ޗާޕު ނުކުރާނެކަމަށް ވައުދުވެގެން ނަމަވެސް، މިހާތަނަށް ތަފާތު އެކި ނަންނަމުގައި ބޭންކިން ނިޒާމާއި ޕެންޝަން އޮފީސް މެދުވެރިކޮށް 6.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރ ސައީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރަކުން ނުދައްކާ ވަރަށް މި ސަރުކާރުން ޑޮލަރުން ދަރަނި ދައްކައިފިކަމަށް ބުނާއިރު، މި ސަރުކާރަށް ލިބުނު ޑޮލަރުގެ އާމްދަނީ މާ ބޮޑަށް ވެސް އިތުރު ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 1.3 ބިލިއަން ޑޮލަރު އަދި ކޮވިޑްގެ ދަތި ހާލަތާ އެކު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 1.2 ބިލިއަން ޑޮލަރު ލިބުނުއިރު، މި ސަރުކާރަށް 3.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ދަރަނީގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު ދެއްކުމަށްފަހު، ބާކީ 2 ބިލިއަން ޑޮލަރު ކޮބައިތޯ އަމީރު ސުވާލު އުފެއްދެވި އެވެ.
ދަރަނީގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު ދެއްކި ކަމަށް ބުނާއިރު، ބާކީވި 2 ބިލިއަން ޑޮލަރަށް ވީ ކީއްތޯ ރައްޔިތުންނަށް އެނގެންޖެހޭ. އާމްދަނީގެ ނިސްބަތުން ބަލާއިރު ކުރީ ސަރުކާރުތަކުން 30 އިންސައްތައަށް ވުރެ މަތިން ދަރަނި ދެއްކިއިރު، މި ސަރުކާރުން ދެއްކީ އެންމެ 24 އިންސައްތަ
މީގެއިތުރުން، ގައުމުގެ އިގްތިސާދީ ހާލަތަށް ނުބަލައި، ރަސްމާލެ ހިއްކުމަށް 200 މިލިއަން ޑޮލަރު އަދި ޑްރޯން ގަތުމަށް 85 މިލިއަން ޑޮލަރު ބޭކާރު ގޮތުގައި ހަރަދުކޮށްފައިވާކަމަށް ވެސް އަމީރު ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ބްލެކް މާކެޓަށް ބޮޑެތި ލޮޅުންތައް އަރަމުންދާކަމަށާއި، މި ސަރުކާރަކީ ރާއްޖޭގެ ތާރީހުގައި ވެސް އައި އެންމެ ނާގާބިލު ސަރުކާރުކަމަށް އަމީރު ތަކުރާރު ކުރެއްވި އެވެ.

