ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް ބަދަލުގެނެސް، ޕޭމަންޓް ޚިދުމަތްތަކާބެހޭ ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފިއެވެ.
ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ވެސް ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ބަދަލު އައިސްފައިވެއެވެ. އެ ގޮތުން، އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް، ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް، އަދި ރެމިޓެންސްގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 2،000،000 ރުފިޔާ އަށް ވަނީ އިތުރު ކުރެވިފައެވެ.
އަދި ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 1،000،000 ރުފިޔާ އަށް ވަނީ އިތުރު ކުރެވިފައެވެ.
ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދުތަކަށް އައިސްފައިވާ ބަދަލު
އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް: ފަސް ލައްކަ ރުފިޔާ އިން ދެ މިލިއަން ރުފިޔާއަށް
ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަރކުރުމުގެ ޚިދުމަތް: ދެ ލައްކަ ރުފިޔާ އިން ދެ މިލިއަން ރުފިޔާއަށް
ރެމިޓެންސްގެ ޚިދުމަތް: ދެ ލައްކަ ރުފިޔާ އިން ދެ މިލިއަން ރުފިޔާއަށް
ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް: އެއް ލައްކަ ރުފިޔާ އިން އެއް މިލިއަން ރުފިޔާއަށް
އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް: އެއް ލައްކަ ރުފިޔާ އިން އެއް މިލިއަން ރުފިޔާއަށް
މި އިސްލާހުގެ މަގުސަދަކީ، ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ މުއައްސަސާތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން ހުރި ތަންތަން ކަން ކަށަވަރުކުރުމެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމެވެ.

