ހުޅުމާލޭގެ ޓްރެފިކް ހާލަތު ރަނގަޅުކުރުމަށާއި، ދިމާވާ ޓްރެފިކް މައްސަލަތަކަށް އަވަސް ޙައްލުތަކެއް ހޯދުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ހުޅުމާލޭގެ ޓްރެފިކް ހާލަތު މިހާރު އޮތް ގޮތާއި، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކާއި ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވާ ކަމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ ޓްރެފިކް މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު ދާދި ފަހުން ހިތާވެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން އެ ހާދިސާތަކުގައި ކުޑަކުދިންތަކަކަށް ހިތާމަވެރި ހާދިސާ ތަކެއް ދިމާވެފައިވާއިރު، ހުޅުމާލޭގެ އެކްސިޑެންޓުތައް ވަނީ ގިނަ ވެފައެވެ.
ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ.
އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ވިނަރެސް ހަތެއްގެ ކައިރިއަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.

