ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތީ ހޫނު ގަދަ ދުވަސްތަކެއް؛ ސިއްހަތަށް ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސެއް!

މާލެއަށް ހޫނުގަދަ ދުވަހެއްގައި ރަސްފަންނުގެ ހަޓެއް ދަށުގައި ހުރި ޖޯއްޔެއްގައި ބަޔަކު މީހުން އިށީނދެގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފިނިހޫނުމިން އާންމު މިންވަރަށް ވުރެ މަތިވަމުންދާތީ، ގަދަ ހޫނުން ރައްކާތެރިވެ ސިއްހަތަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން އުފެދޭ ”އެލްނީނޯ“ ގެ ބާރު ދަނީ ގަދަވަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑާއި ވައިގެ ފިނިހޫނުމިން ވެސް އާންމުކޮށް ހުންނަ ވަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު އެ އިދާރާގެ ހިސާބުތައް ދައްކާ ގޮތުން މިއަދު މެންދުރު 12:00 ހާއިރު މާލެ ސަރަހައްދުގައި އިހުސާސް ކުރެވުނު ފިނިހޫނުމިން ވަނީ 33 ޑިގްރީ ސެލްސިއަސްއަށް އަރައިފައެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މޫސުން ލަފާކޮށް މެޓް އޮފީހުން މިފަހުން ނެރުނު ބަޔާނެއްގައި ވަނީ ކުރިއަށް އޮތް ތިން މަހު ވެސް މުޅި ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައިކަމަށް ލަފާކޮށްފަ އެވެ. އަދި މި މުއްދަތުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭނެކަމަށް ލަފާކުރެވުނު ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭ މިންވަރު ދަށްވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން އިތުރަށް ބުނި ގޮތުގައި، އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، ފަރުތަކުގެ ދިރުމަށާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ އެކަންކަމަށް ދުރާލާ ތައްޔާރުވުން މުހިންމެވެ. އާންމު ގޮތެއްގައި ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި ކުރިމަތިވާ މި ހާލަތުގެ އަސަރު 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް، ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދެއެވެ.

މި ދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އެގޮތުން ލޮލަށް އުނދަގޫވުމާއި، ވަރުބަލިވުމާއި، މާ ބޮޑަށް ދާހިއްލުމާއި، ހަށިގަނޑުން ފެން މަދުވުމުގެ އިތުރުން ބޯއެނބުރުން ފަދަ އުނދަގޫތައް ކުރިމަތިވެދާނެކަމަށް ބުނެފައި ވެއެވެ. ހާއްސަކޮށް ހިތާއި، ފުއްޕާމެއާއި، ގުރުދާގެ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިރުޝާދު ދީފައެވެ.

ހޫނުގަދަވުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި ހާލަތަކީ ”ހީޓް ސްޓްރޯކް“ އެވެ. މިއީ ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސް، ހަށިގަނޑު އަމިއްލައަށް ފިނިކުރުމުގެ ބާރު ކެނޑުމުން ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތެކެވެ.

މީގެ އަލާމާތްތަކުގެ ތެރޭގައި ހަންގަނޑު ރަތްވެ ހޫނުވުމާއި، ވިންދު އަވަސްވުން އަދި ހޭނެތުން ހިމެނެއެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ މީހަކު ވަގުތުން ހިޔާ ނުވަތަ ފިނި ތަނަކަށް ބަދަލުކޮށް، ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: