ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ރިސޯޓުތަކަށް 73.5 އިންސައްތަ ފަތުރުވެރިން އަދި ގެސްޓްހައުސްތަކަށް 22.1 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވުޒާރާާގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެގޮތުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު 73.5 ގައި ހުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1،073،589 (އެއް މިލިއަން ހަތްދިހަ ތިންހާސް ފައްސަތޭކަ އަށްޑިހަ ނުވަ) ފަތުރުވެރިންނެވެ. ގެސްޓްހައުސްތަކުގައި 22.1 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު އެއީ 322،944 (ތިން ލައްކަ ބާވީސްހާސް ނުވަސަތޭކަ ސާޅީސް ހަތަރު) ފަތުރުވެރިންނެވެ.
ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައެވެ. އެގޮތުން ޓޫރިސްޓް ހޮޓާތަކުގައި އަހަރުގެ މިހާތަނަށް 2.3 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ޓޫރިސްޓް އުޅަނދުތަކުގައި 1.9 އިންސައްތަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
އެހެނިހެން ތަންތަނުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ ނިސްބަތް އުޅެނީ 0.2 އިންސައްތައިގައެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 2،351 ފަތުރުވެރިންނެވެ. ރާއްޖޭގެ 19 އަތޮޅެއްގައި 179 ރިސޯޓް ހިންގާއިރު، އެ ރިސޯޓްތަކުގައި 45،141 އެނދު ހުރެއެވެ. އަދި 20 އަތޮޅުގައި 112 ގެސްޓްހައުސް ހިންގާއިރު އެ ތަންތަނުގައި ޖުމްލަ 16،444 (ސޯޅަ ހާސް ހަތަރުސަތޭކަ ސާޅީސް ހަތަރު) އެނދު ހުރެއެވެ.
ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އަދަދަށް ބަލާއިރު އެންމެ ގިނައީ ޗައިނާ ފަތުރުވެރިންނެވެ. ލިސްޓުގައި ދެން އެންމެ ގިނައީ ރަޝިއާ އަދި އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. ގަދަ 10 ގައި އުޅެނީ މި ތިން ގައުމުގެ އިތުރުން، އިޓަލީ، ޖަރުމަނު، އިންޑިއާ، ފްރާންސް، އެމެރިކާ، އޮސްޓްރޭލިއާ އަދި ސްޕެއިންއެވެެ. ސެޕްޓެމްބަރު މަހުގެ ފުރަތަމަ 8 ދުވަހަށް ބަލާއިރު، 36،962 (ތިރީސް ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ދެ) ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

