ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ އަގުގައި ބިން ވިއްކަނީ 2003 ގައި ލިބުނު ބިން ނުދީ 23 އަހަރު ވުމުން، އޭސީސީގެ ލަފައެއް ހޯދަނީ!

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަމިއްލަ ފަރާތަކަށް ވަރަށް ކުޑަ އަގެއްގައި ބިމެއް ވިއްކުމަށް ނިންމި މައްސަލަ ހޫނުވެފައި ވަނިކޮށް، އެކަން އެގޮތަށް ކުރަން ނިންމީ މީގެ 23 އަހަރު ކުރިން ސަރުކާރުން އެ ފަރާތަށް ވިއްކަން ނިންމައި ހަވާލުނުކޮށް އޮތް ބިމެއްގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް މިނިސްޓްރީ އޮފް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ ހައުސިން މިނިސްޓްރީގެ އެތެރޭގެ ޑިޕާޓްމަންޓްތަކުގެ މެދުގައި ބަދަލުކުރެވުނު ރަސްމީ މެމޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. އެ މެމޯގައިވާ ގޮތުން، އަހުމަދު ޒާހިރު ކިޔާ މީހަކަށް 1،250 އަކަފޫޓުގެ ބިމެއް ވިއްކުމަށް ހަމަޖައްސާފައިވަނީ އަކަފޫޓެއް އެންމެ 375 ރުފިޔާގެ މަގުންނެވެ. އެއީ ޖުމްލަ 468،750 (ހަތަރު ލައްކަ ފަސްދޮޅަސް އަށްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއެވެ. އަދި އެ ފައިސާ ފަސް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ ލުއި އިންތިޒާމުތަކެއް ވެސް އެ ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.

މިހާރު ހުޅުމާލެއިން ބިން ވިއްކާ އެވްރެޖު އަގަކީ އަކަފޫޓަކަށް ގާތްގަނޑަކަށް 7،500 ރުފިޔާއެވެ. އެ އަގުން ބަލާނަމަ، މި ބިމުގެ އަސްލު ބާޒާރު އަގު ގާތްގަނޑަކަށް 9.36 މިލިއަން ރުފިޔާއަށް އަރައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވިއްކަން އުޅޭ ބިމަކީ ބިންވެރިޔާ ސްކީމުން މާލޭ މީހަކަށް ދޫކުރުމަށް ފަހު، އެ މީހާގެ ޝަރުތު ހަމަނުވާތީ އަނބުރާ ދައުލަތަށް ނަގާފައިވާ ބިމެކެވެ. މި ބިން ގަތުމަށް ހުށަހެޅި ފަރާތަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުވާލި ފުރުސަތެއްގައި ބިން ގަތުމަށް އެދި އެކަން ކާމިޔާބު ނުވުމުން، އެކި ސަރުކާރުތަކަށް ޝަކުވާ ހުށަހަޅަމުން އައި މީހެކެވެ.

ހުޅުމާލޭގެ ބިމުގެ އަގު މިހާރު އިންތިހާއަށް އުފުލިފައިވަނިކޮށް، ކުޑަ ރޭޓެއްގައި ބިމެއް ދޫކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މި މައްސަލައިގައި ބަޔާނެއް އާންމުކޮށް މިނިސްޓްރީން ބުނީ އަހުމަދު ޒާހިރަށް 2003 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ ހުޅުމާލެއިން 904 އަކަފޫޓުގެ ބިމެއް 339،000 (ތިން ލައްކަ ތިރީސް ނުވަހާސް) ރުފިޔާއަށް ވިއްކުމަށް ނިންމައި އެއްބަސްވެފައި އޮތް ކަމަށެވެ.

އެކަމުގެ ސައްހަ ލިޔެކިޔުންތައް މިނިސްޓްރީގެ ރެކޯޑުތަކުން ފެންނަން ހުރިއިރު، ވޭތުވެދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި އެ ބިން އޭނާއާ ހަވާލުކޮށްފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެދި އޭނާގެ ފަރާތުން ސަރުކާރުގެ އެކި ވުޒާރާތަކުގައި ތަކުރާރުކޮށް އެދެމުންދިޔަކަމަށް ބަޔާނުގައި ވެއެވެ.

މި މައްސަލައަށް އިދާރީ ގޮތުން ހައްލެއް ހޯދައިދިނުމުގެ ގޮތުން، 2003 ވަނަ އަހަރު ބިން ވިއްކަން އޭރު އެއްބަސްވި އަގުގެ ނިސްބަތަށް ބަލައި، ހުޅުމާލެއިން އޭނާއަށް ބިމެއް ވިއްކަން މިހާރުގެ ސަރުކާރުން ނިންމީ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި އޭނާއަށް ވިއްކަން ނިންމި ބިމަކީ ކުރީ ސަރުކާރުން ހިންގި ”ބިންވެރިޔާ ސްކީމް“ ގެ ދަށުން ޝަރުތު ހަމަނުވާ މީހަކަށް ދޫކޮށްފައި އޮތުމުގެ ސަބަބުން، ފަހުން އެއްބަސްވުން ބާތިލުކޮށް ހުސްކޮށްފައިވާ ބިމެއްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން، އެ ފަރާތަށް ހުޅުމާލެއިން މި ބިން ވިއްކަން ނިންމާފައި ވަނީ ކުރީ ސަރުކާރުން އޭނާއަށް ގުޅީފަޅުން ދޫކޮށްފައިވާ ބިން އަނބުރާ ދައުލަތަށް ދޫކޮށްލުމަށް އެއްބަސްވުމުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގައި ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުންނާއި އިޖުރާއާތުގެ ގޮތުން އެންމެ ރަނގަޅު ނިންމުމެއްތޯ ކަށަވަރު ކުރުމަށްޓަކައި، މި މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައި، އެ ކޮމިޝަނުގެ ލަފަޔަކަށް އެދިފައެވެ. އަދި އަހުމަދު ޒާހިރަށް އެ ބިން ރަސްމީކޮށް ހަވާލުކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ އޭސީސީގެ ލަފަޔާއި، ދައުލަތުގެ ގާނޫނީ ލަފާ ލިބުމަށްފަހު އެއާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ބިމާ ބެހޭ ގާނޫނު ބަޔާންކުރާ ގޮތުގައި، ދައުލަތުގެ ބަންޑާރަ ބިމެއް ގޯއްޗެއްގެ ގޮތުގައި ނުވަތަ އެނޫން ވެސް ގޮތަކަށް ދޫކުރެވޭނީ އާންމުކޮށް އިއުލާންކޮށްގެން ހުޅުވާލެވޭ އުސޫލެއްގެ ތެރެއިންނެވެ.

ބިންވެރިޔާ ސްކީމަށް އެޗްޑީސީން ސަރުކާރަށް ގަނެފައިވާ މި ބިންތަކަކީ ބަންޑާރަ ބިންތަކަށް ވާއިރު، އިއުލާންކުރުމަކާ ނުލައި ވަކި މީހަކަށް އެ ބިން ދިނުމާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: