ރާއްޖޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ފިލައިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
”ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ“ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިސްކިތްތައް ބެލެހެއްޓުން އަލަށް އުފެއްދި ”މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ގެ ދަށަށް ބަދަލު ނުކުރާނެ ކަމަށެވެ. އަދި އެ ކުންފުނީގެ މައިގަނޑު މަސައްކަތަކަށް ވާނީ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވިޔަފާރި ހިންގުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޝަރީޢަތް ހުއްދަކުރާ ދާއިރާގެ ތެރެއިން ވަޤުފްގެ ދާއިރާ ޒަމާނީ ނިޒާމަކުން ބެލެހެއްޓޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށާއި، މިގޮތުން ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުން ވަޤުފް އިމާރާތްތައް ހަދާ ރަށްތަކާއި މުޅި އަތޮޅުގެ އާބާދީއަށް މަންފާ ކުރާނެ ކަމަށެވެ.
މިހާރުވެސް ވަޤުފް އިމާރާތްތައް ބިނާކުރުމުގެ 6 މަޝްރޫޢެއް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ގއ. ވިލިނގިލި، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގައި ކުރިއަށްގެންދާ 10 މިލިއަން ރުފިޔާގެ މަޝްރޫޢުތަކާއި، އައްޑޫ ސިޓީގައި ހިންގާ 20 މިލިއަން ރުފިޔާގެ މަޝްރޫޢު ހިމެނެއެވެ.
މީގެއިތުރުން މާލޭގައި ކުރިއަށްދާ 40 މިލިއަން ރުފިޔާގެ މަޝްރޫޢަކާއި ހުޅުމާލޭގައި ފަށާފައިވާ 250 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢު ވެސް ހިމެނެއެވެ. މި ތަންތަނުން ލިބޭ އާމްދަނީ ޚާއްޞަކުރާނީ މިސްކިތްތައް މަރާމާތު ކުރުމަށާއި ދީނީ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ވަޒީރު ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުމަކީ ހަމައެކަނި ސަރުކާރުގެ ބަޖެޓަށް ބަރޯސާވެގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
”މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ހަމައެކަނި ސަރުކާރުގެ ބަޖެޓަކުން ނުވާނެ. ފައިދާ ހޯދޭނެ ގޮތްތައް ހޯދަންޖެހޭ. އިސްލާމީ ޙަޟާރަތުގެ ބިނާތައް ޙިމާޔަތްކުރަންޖެހޭ. އިސްލާމީ މަރުކަޒުތަކުގައިވެސް ފިހާރައާއި ބުކްޝޮޕްތައް ހެދުންފަދަ ސަޤާފަތް ރާއްޖެއަކު ނެތް. މިއީ އެހެން ޤައުމުތަކުގައިވެސް ކުރާ ކަމެއް،“ ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިހާރު ފަށާފައިވާ މި ހަރުދަނާ މަސައްކަތްތަކާއެކު އިސްލާމީ ދާއިރާގެ ޚަރަދުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުވެގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ އިސްލާމީ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

