ޑޮލަރުގެ މައްސަލައިގައި 12 މީހެއްގެ ތަހުގީގު ކުރިއަށް ދާ ކަމަށާއި އޭގެން 9 މީހެއް ޑިޓެންޝަނުގައި މިހާރު ހުރި ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ތިން ވުޒާރާއެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިހުސާން ވިދާޅުވީ ބިދޭސީންވެސް ޑޮލަރުގެ މައްސަލަތަކުގައި އުޅޭ މިންވަރު ގިނަ ކަމަށެވެ. އެގޮތުން މިހާރުވެސް 12 މީހަކާއި ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށާއި އޭގެން ނުވަ މީހެއް ޑިޓެންޝަން ސެންޓަރުގައި ހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެމީހުން ޑިޓެންޝަނަށް ނަގާއިރަށް ދިވެހި މީހަކު އެ އިދާރާތަކަށް ކަންބޮޑުވުން ފާޅުކޮށް އަންނަ ކަމަށެވެ.
”އަޅުގަނޑު ވަރަށް ހިތާމައާއިއެކު ފާހަގަކުރަން މީގެން މީހެއް ޑިޓެންޝަނަށް ނަގާއިރަށް ދިވެހި މީހެއް އެބަ އާދޭ ތިއީ އަޅުގަނޑުމެންގޭގައި ކައްކާ މީހާއޭ ކިޔާފަ. އެކަމަކު އޭނާ ހުންނަނީ ރެއާ ދުވާލު ޑޮލަރު ކައްކަން. މިއަށް ވުރެ އަޅުގަނޑުމެން ޒިންމާދާރު ވާން ޖެހޭ“
މިނިސްޓަރ ވިދާޅުވީ ބިދޭސީއެއް ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލާ، އޭނާ ކުރަނީ ކޮންކަމެއްތޯ ނުބަލާ ހުއްޓާ އޭނާ ކޮންމެސް ކުށެއްގައި ހައްޔަރަށް ގެނައުމުން އެ ބިދޭމީހާގެ ބެލެނިވެރި ފަރާތުން އައިމާ، އެވަރުން ކަންކަން ނުފުދޭނެ ކަމަށެވެ.
ތަހުގީގުތަކާއި ގާނޫނުތަކުގައިވާ ކަންކަން ތަންފީޒު ކުރާއިރު، އެ ބިދޭސީމީހާއާއި ދެމެދު ދިވެހި މީހާ އިހުމާލުވި ކަމަށް ބެލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ގޮތަށް އިހުމާލުވާނަމަ ކޮންމެ ބިދޭއަކަށް، 50،000 ރުފިޔާގެ މަގުން ހަވާލުވެ ހުންނަ ދިވެހި މީހާ ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްތަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މީގެކުރިން އެ ގާނޫނުތައް ތަންފީޒު ނުކޮށް އޮތުމަކީ އެ ގާނޫނުތައް މުގުރާލުމަށް ލިބޭ ލައިސެންސެއް ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅު ބައެއް ކަންމަތީ ފިހާރަތަކަކީވެސް ޑޮލަރު މާރުކުރާ ތަނެއްގެ ގޮތުގައި ހެދުމަށްފަހު ބިދޭސީން ހިންގަމުންދާ ތަންތަނުގެ ގޮތުގައިވެސް ފާހަގަކުރެވިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަން ކުރާ ފަރާތްތަކެއް ލުއިދިނުމެއް ނޯންނާނެކަމަށާއި ފިޔަވަޅު އަޅަމުންދާނެކަމަށެވެ.
މީގެއިތުރުން ބޮޑެތި އަދަދުތަކުން ޓީޓީ ހައްދަވާ ބައެއް މީހުން ނަހަމަ ގޮތުގައި ބޭނުންކޮށް، ޓީޓީ ހައްދަމުންދާތީ އެމައްސަލަވެސް ތަޙްޤީގުކުރަމުންދާކަމަށާއި އެކަން ކުރާ ފަރާތަކަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޖޮބް ވިޔަފާރި ކުރުމުގައާއި ބިދޭސީންގެ މުސާރާގެ ކަންކަމުގައި އެ ރޫޓް ބޭނުންކުރާކަން ފާހަގަވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

