ފެހި އަދި ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން ކ. ދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން، އެ ކުންފުނިން ކުރިއަށްގެންދާ ’ގްރޯ ވިތު އުރީދޫ‘ އިސްނެގުމުގެ ދަށުން ކ. ދިއްފުށީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ރަށުގެ މުޖުތަމަޢުގެ މެންބަރުން އެއްވެ، ރަށުގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދާފައިވާއިރު، މިއީ ފެހި ސަރަޙައްދުތައް އިތުރުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއަޅައިދޭ ކަމެކެވެ.
މި ހަރަކާތަށް ބޭނުންވާ ގަސްތައް ހަދިޔާކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. މިއީ ފެހި މާޙައުލެއް ކުރިއެރުވުމަށާއި ދިގު މުއްދަތަކަށް ތިމާވެށި ދެމެހެއްޓުމަށް ގުޅިގެން ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އެއްބާރުލުމެކެވެ.
ގްރޯ ވިތު އުރީދޫ މެދުވެރިކޮށް، އުރީދޫ މޯލްޑިވްސް އިން ދަނީ ތިމާވެއްޓާމެދު ޒިންމާދާރުވުމަށް ބާރުއެޅުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި، މުޖުތަމަޢުގެ ޖަމިއްޔާތަކާއި އަދި ބައިވެރިންނާއެކު މަސައްކަތްކުރަމުންނެވެ.
ދިއްފުށީގައި ކުރިއަށްގެންދިޔަ މި ހަރަކާތުން، ތިމާވެއްޓާ ގުޅޭ މުހިންމު ފިޔަވަޅުތައް އެޅުމުގައި މުޖުތަމަޢުގެ ބައިވެރިވުމުގެ މުހިންމު ދައުރުވެސް ފާހަގަކޮށްދެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގާތުން މަސައްކަތްކޮށް، ރަށުގެ ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށްގެންދާ މި އިސްނެގުމުގެ މަޤްޞަދަކީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ކުރިއެރުވުމަށް އެންމެން ގުޅިގެން ޒިންމާދާރުވުމުގެ ރޫޙު އާލާކުރުމެވެ.
އުރީދޫ މޯލްޑިވްސް އިން ދެމިއޮތީ، މުޖުތަމަޢުތައް އެއްބައިވަންތަކޮށް، ފެހި އަދި ދެމެހެއްޓެނިވި ދިވެހިރާއްޖެއެއް ބިނާކުރުމަށް އެހީތެރިވެދޭ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގައެވެ.

