ދިވެހި އެތުލީޓުން ހަދާ ރެކޯޑްތައް ބައިނަލްއަގުވާމީ މައސިންތެޓިކް ޓްރެކް ޒަމާނީ ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކް ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ (ވޯލްޑް އެތުލެޓިކްސް) ގެ މިންގަނޑަށް ފެތޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ މިދިޔަ މަހުގެ 28 ގައި ބޭއްވި ”އަހާ ފޯރަމް“ ގައި ވިދާޅުވެފައެވެ.
ވަޒީރު ރާފިއު އޭރު ވިދާޅުވީ ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ތަނެއް ނޫން ކަމަށާއި، އޭގެ ސަބަބުން ދިވެހި އެތުލީޓުން ރެކޯޑެއް ހެދި ނަމަވެސް އެ ރެކޯޑުތައް ރަސްމީކޮށް ބަލައިނުގަންނަ ކަމަށެވެ. އަދި ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑްތައް ގުނަނީ ހަމައެކަނި އެ އެސޯސިއޭޝަނުން ގަބޫލުކުރާ ފެންވަރުގެ ޓްރެކެއްގައި ހެދުމުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ޓްރެކް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ އޯޑަރުކޮށްފައެވެ. އަދި އެތަނުގެ ތަފުސީލީ ކުރެހުންތައް ވެސް އެއްކޮށް ނިމިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
ސަރުކާރުގެ އަމާޒަކީ މި މަހު ފެށި މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ މަސައްކަތް މުޅިން ނިންމައި، އެތުލީޓުންނަށް ރަސްމީކޮށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

