ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ޑިގްރީ އަދި ޑިޕްލޮމާ ފުރިހަމަކުރި 113 ދަރިވަރުން ދަސްވެނިވެ، ސަނަދު ހާސިލުކޮށްފިއެވެ. މި ދަރިވަރުންގެ ތަޢުލީމީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ދަސްވެނިވުމުގެ ޖަލްސާ އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހޯދި ޢިލްމީ މަތީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވައި ދަސްވެނިވި ހުރިހާ ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ފަހަރުގެ ދަސްވެނިވުމުގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ 64 ދަރިވަރަކު ވަނީ ހާސިލުކޮށްފައެވެ. އަދި ޑިޕްލޮމާ ކޯސް ފުރިހަމަކޮށް 49 ދަރިވަރަކު ސަނަދު ހާސިލުކުރިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ތަޢުލީމު ފުޅާކުރުމަށާއި، ތަމްރީނު ލިބިފައިވާ ފެންވަރު ރަނގަޅު ޤުރްއާން މުދައްރިސުން އުފެއްދުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.
ޖަލްސާގައި ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ. އަދި ޑިގްރީ ކޯސް ކާމިޔާބުކަމާއެކު ނިންމި ދަރިވަރުންނަށް ސަނަދު ޙަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމާއި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ކުރިއަށް އޮތް ޖީލުތަކަށް ޞައްޙަ ޤުރްއާނީ ޢިލްމު ފޯރުކޮށްދިނުމާއި އުނގަންނައިދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

