ރައްޔިތުންގެ އިތުބާރާއި ތާއީދު ގެއްލިފައިވާ ސަރުކާރެއްގެ ނާޖާއިޒު ފައިދާ ނަގައިގެން ދިވެހިރާއްޖޭގައި މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށާއި، މިހާރު ރާވާފައިވާ މަޝްރޫއު ވަގުތުން ހުއްޓާލުމަށް ޔޫއޭއީގެ ”އީގަލް ހިލްސް“ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ”މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް“ ގެ ދަށުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އީގަލް ހިލްސްއަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒު ކުރައްވައި، މަޝްރޫއުއާއި މެދު ސުވާލު އުފައްދަމުން ގެންދަވަނީ ރައީސް ޔާމީނެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީން ވަނީ އެ ކުންފުންޏަކީ އަހުލާގީ ގޮތުން ފުނޑުފުނޑުވެ، ރައްޔިތުންގެ ވޯޓަކުން ބަލިކަށިވެފައިވާ ވެރިކަމެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ނާތަހުޒީބު އަދި ފަސާދަވެފައިވާ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއް އޮތް، އަދި އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމާއި ހައްގުތަކަށް މުޅި ހިތުން ވަކާލާތުކުރާ ގައުމެކެވެ. މިފަދަ އިސްލާމީ މާހައުލެއްގައި، ޔަހޫދީންގެ އާބާދީއެއް ނުވަތަ ޖުވިޝް ސެޓްލްމަންޓެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަކީ އީގަލް ހިލްސްގެ ހުރި ދެފުށްކެހިކަމާއި، ފަސާދަ ކަނޑައެޅިގެން ހާމަވެގެންދާކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ދިވެހިންގެ ދީނީ އަގީދާއާއި ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނާ މެދު އޮތް ލޯތްބާއި އެއްބައިވަންތަކަމާ ހިލާފަށް ހިންގާ މިފަދަ އެއްވެސް އަމަލަކަށް ދިވެހި ފަސްގަނޑުގައި ޖާގައެއް ނެތް ކަމަށެވެ. އަދި މި މަޝްރޫއާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތީ އިންތިހާއަށް ނުރުހުންކަމަށް ވިދާޅުވި އެވެ.
މިފަދަ ބާވަތްތަކުގެ މަޝްރޫއުތައް ވަގުތުން ހުއްޓާލައި، ރާއްޖެއިން ފައިބައިގެން ދާން ޖެހޭކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އީގަލް ހިލްސްއަށް ދޭން އޮތް ނަސޭހަތަކީ އެއީ ކަމަށެވެ.

