މީސްތަކުންގެ ތެރެއިން އެންމެ ހެޔޮލަފާ ބަޔަކީ ކީރިތި ޤުރުއާން އުނގެނި، އެހެން މީހުންނަށް އުނގަންނައިދޭ މީހުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ، ކީރިތި ގުރްއާން އުނގަންނައި ދިނުމުގެ ދާއިރާއިން ޑިގްރީ އަދި ޑިޕްލޮމާ ފުރިހަމަކުރި 113 ދަރިވަރުން ދަސްވެނިވުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޝަހީމްވަނީ އަދި އާއިލީ ޒިންމާތަކާއި ވަޒީފާގެ ބުރަ މަސްއޫލިއްޔަތުތަކާއި އެކުވެސް މިފަދަ އިލްމީ ޕްރޮގްރާމްތައް ފުރިހަމަކުރުމަކީ ވަރަށް މަތިވެރި ޖިހާދެއް ކަމަށާއި އޭގެ ސަވާބާއި ދަރުމަ ﷲ ސުބްހާނަހޫ ވަތައާލާ މިންވަރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
”ކީރިތި ޤުރުއާން އުނގެނުމާއި އުނގަންނައިދިނުމަކީ އެއީ މަތިވެރި އަޅުކަމެއް. ވަކިން ހާއްސަކޮށް އެހާ ބުރަކޮށް އުޅެމުންވެސް މިފަދަ ޕްރޮގްރާމެއް ނިންމުމަކީ ވަރަށް ބޮޑު ޖިހާދެއް. އެކަމުގެ މައްޗަށް ސަވާބާއި ދަރުމަ ﷲ ސުބްހާނަހޫ ވަތައާލާ ދެއްވާނެ“ ޝަހީމް
އަދި ކީރިތި ޤުރުއާން ކިޔެވުމާއި ކީރިތި ޤުރުއާނަށް ޚިދުމަތް ކުރުމަކީ ވަރަށް މަތިވެރި ޝަރަފެއްކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އެކަމުގެ ސަބަބުން ދުނިޔެވީ މާއްދީ ފައިދާތަކެއް އިސްކުރަން ނުޖެހޭނެކަމަށެވެ. އަދި ޤުރުއާން އުނގަންނައިދިނުމުގެ ޝަރަފު އިހްތިޔާރުކުރާ މީހަކަށް ﷲ ސުބްހާނަހޫ ވަތައާލާ ޝަރަފް ދެއްވާނެކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ﷲ ސުބްހާނަހޫ ވަތައާލާގެ ކަލާމްފުޅަށް ޚިދުމަތް ކުރާ ބަޔަކަށް އެކަލާނގެ އެހީތެރިވެ ވޮޑިގެންވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެ އިރުތުން ޝަހީމްވަނީ ޤުރުއާން އުނގަންނައިދިނުމުގައި ދުނިޔަވީ މާއްދީ މަންފާ އިސްނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. މުޖުތަމައުއަށް ހިލޭ ސާހަބަށް ޤުރުއާން ކިޔަވައިދިނުމަކީ މަތިވެރި އަޅުކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ތާއަބަދަށް އޭގެ ސަވާބާއި ދަރުމަ ލިބިލިބި ހުންނާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އެންމެ ކުއްޖަކަށް ގުރުއާން އުނގަންނައިދިނުމަކީ ވެސް ދެމިގެންދާ ސަދަގާތެއް ނުވަތަ ’ސަދަގަތުލް ޖާރިޔާ‘ އެއް ފަދަ ކަމެއް ކަމަށެވެ. އެއީ ދެމިހުރި ސަދަޤަތެއްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި
ކުއްޖަކަށް ސޫރަތުލް ފާތިހާ ކިޔަވަން ދަސްކޮށްދީފިނަމަ، އެ ކުއްޖަކު މުޅި ހާޔާތުގައި އެ ސޫރަތް ކިޔަވާ ކޮންމެ ފަހަރަކު، އެކަން ދަސްކޮށްދިން މުދައްރިސަށް އޭގެ ސަވާބާއި ދަރުމަ މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށް ވިދާޅުވެ، މިއީ އުނގަންނައިދޭ ފަރާތްތަކަށް ލިބޭ އިންތިހާ ދަރަޖައިގެ ބަރަކާތަކާއި ރަޙްމަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

