ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒާންގެ ރައްދު ރައީސް ޔާމީނަށް؛ ސިޔާސީ ގޮތުން ގޮތްހުސްވެ މާޔޫސްވުމުން ކުރާ ކަންކަމުގައި ހައްދެއް ނޯވޭ!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އީގަލް ހިލްސް ކުންފުނީގެ މަޝްރޫއާއި ގުޅުވައިގެން ސިޔާސީ މަންފާއަށްޓަކައި އެއްވެސް އަސާސެއް ނެތް ވާހަކަތައް ދައްކައި، ހަގީގަތް އޮޅުވާލަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ”މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް“ ގެ ދަށުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އީގަލް ހިލްސްއަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒު ކުރައްވައި، މަޝްރޫއުއާއި މެދު ސުވާލު އުފައްދަމުން ގެންދަވަނީ ރައީސް ޔާމީނެވެ.

އީގަލް ހިލްސްއަށް ފާޑުކިއުން އަމާޒުކުރައްވައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީން ވިދާޅުވީ، އެ ކުންފުންޏަކީ ރައްޔިތުންގެ ތާއީދު ގެއްލި، އަހުލާގީ ގޮތުން ބަނގުރޫޓުވެފައިވާ ސަރުކާރެއްގެ ފައިދާ ނަގަމުންދާ ބައެއް ކަމަށެވެ. އަދި ސައްތައިން ސައްތަ މުސްލިމް އަދި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ މުޖުތަމައެއްގައި ޔަހޫދީންގެ ވަޒަންވެރިވުމެއް ގާއިމުކުރުމަކީ އެ ކުންފުނީގެ ދެފުށްދެކެކެހިކަމާއި ނުބައިކަން ހާމަވާކަމެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

މީގެއިތުރުން އެ މަޝްރޫއާއި މެދު ދިވެހި ރައްޔިތުންގެ ހިތުގައި ނަފްރަތު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވައި އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އެ ވާހަކަތަކުގައި އެއްވެސް ހެއްކެއް ނެތްކަމަށާއި، ސިޔާސީ ފައިދާއަށްޓަކައި ހަގީގަތްތައް ގުރުބާން ކުރަމުންދާ ކަމަށެވެ. އަދި ދިވެހިން ފަލަސްތީނާއެކު ސާބިތުކަމާއެކު އޮތް އޮތުން، ހިޔާލީ ދުޝްމަނުން އުފެއްދުމުގެ ސިޔާސީ ހަތިޔާރަކަށް ހަދަމުންދާކަމަށް ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ، ސިޔާސީ ގޮތުން މީހުން މާޔޫސްވެ ގޮތްހުސްވުމުން ކުރާ ކަންކަމުގައި އެއްވެސް ހައްދެއް ނޯންނަ ކަމަށެވެ.

ރަސްމާލެ މި އެއްބަސްވުމާ ގުޅިގެން ސިޔާސީ ގޮތުންނާއި އާންމުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން މި އެއްބަސްވުން ހާމަކުރުމަށާއި، ރަސްމާލެއިން 500 ހެކްޓަރަށްވުރެ ބޮޑު ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ.

މިކަމާ ގުޅިގެން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ، ”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ މަޝްރޫއު“ ހިންގަން އީގަލް ހިލްސްއާއެކު މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި ލެޓާ އޮފް އިންޓެންޓް ނުވަތަ ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ކަމަށެވެ. އަދި މަޝްރޫއު އަމަލީ ގޮތުން ފެށޭނީ އެ އެގްރީމެންޓުގައިވާ ޓާމްސްތަކުގެ މައްޗަށް ބިނާކޮށް، އިތުރަށް މަޝްވަރާކުރުމަށްފަހު އެކުލަވާލާ ޑެފިނިޓިވް އެއްބަސްވުންތަކެއްގައި ސޮއިކޮށްގެން ކަމަށް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގައި ހިންގަން ރާވާފައިވާ މި މަޝްރޫއު ގަވަން ކުރާނީ މިހާރު އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުންނެވެ. އެހެންކަމުން މަޝްރޫއު ފެށުމުގެ ކުރިން މިކަމާ ގުޅުންހުރި ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: