ރާއްޖެއަށް ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްމަންޓް ބޭނުންވީ ނަމަވެސް، އެފަދަ މަޝްރޫއުތައް ހިންގުމުގައި ހާމަކަން ބޮޑުވާން ޖެހޭކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރި ޚަލީލް މިހެން ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓުގެ ޓްރާންސްޕޭރެންސީއާއި މެދު ސުވާލު އުފައްދަވަމުންނެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލް ވިދާޅުވީ ރަސްމާލޭގެ މަޝްރޫއުއާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބު ދޭން ޖެހޭ ކަމަށެވެ. ޚަލީލް ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްގީގެ ދުވެލީގައި ކުރިއަރައި ދިއުން ނާދިރު ކަމަށެވެ. އެހެންނަމަވެސް، އެފަދަ ޕްރޮޖެކްޓްތައް، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، ޕްރޮޖެކްޓް ކާމިޔާބުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ރަސްމާލެ ޕްރޮޖެކްޓަކީވެސް އާދަޔާ ހިލާފަށް ބޮޑު މަޝްރޫއެއެއްކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ހައްސާސް ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ޚަލީލް ވިދާޅުވި ގޮތުގައި، ގައުމާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ހައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުމެވެ.
”ނަމަވެސް، ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ޙައްސާސް ކަންބޮޑުވުންތަކެއް އެބަހުރި. އަޅުގަނޑު ދެކޭ ގޮތުގައި، ގައުމާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ޙައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ޙައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން. އެގޮތުން:
1. ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟
2. ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟
3. އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟
4. އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟
5. ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ؟
6. 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ؟
7. މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ/ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ؟އަދި މިނޫންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމް.“ ޚަލީލްގެ އެކްސް ޕޯސްޓް
ރަސްމާލެ ޕްރޮޖެކްޓާއި މެދު ބައެއް ސުވާލުތައް އުފައްދައި ޚަލީލް ވަނީ ބިން ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވާ މިންވަރާއި، އެ ރަށުގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވާ ގޮތުގެ ތަފްސީލުތައް ހާމަކުރަން ގޮވާލާފައެވެ. އަދި މި އިންވެސްޓްމަންޓުން އަޕްފްރަންޓް ޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބޭނަމަ، އެއީ ކިހާ މިންވަރެއްކަން ހާމަކުރުން މުހިންމުކަމަށް ވިދާޅުވި އެވެ. އިންވެސްޓްކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ އަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރައްވައި، ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަކީ ކޮބައިކަމާއި، ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ލިބޭނީ ކޮންކޮން އެއްޗެއްތޯއާއި ކިހާ މުއްދަތެއްގެ ތެރޭގައިތޯ ސާފުކުރުމަށް ވެސް ޚަލީލް ވަނީ އެދިވަޑައިގެންފައެވެ.
ޚަލީލް ވަނީ ރަސްމާލޭގެ ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ ނުވަތަ ބިމުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރު އަލަށް ފެށޭނެތޯ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން، މަޝްރޫއުގެ ދަށުން 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯއާއި، މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެއްވެސް ހައްގެއް ގެއްލޭނެތޯ ސުވާލު ކުރެއްވި އެވެ.
ޚަލީލް ވިދާޅުވީ މިނޫންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް ސަރުކާރުން އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމް ކަމަށެވެ. އަދި ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި، ބޮޑެތި މަޝްރޫއުތަކުގައި ދެފުށް ފެންނަ އުސޫލުން އަމަލުކުރުމަށް ސަރުކާރުން ސަމާލުކަން ދިނުމަށް ވެސް ވިދާޅުވި އެވެ.

