އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެއްދި ފަހުން މިއަދާ ހަމައަށް ދައުލަތުގެ ބަޖެޓުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، ދައުލަތުގެ އެއްވެސް ވެރިއެއްގެ މައްޗަށް ކޮރަޕްޝަނުގެ ހުކުމެއް ކުރެވިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަކީ އެމްޑީޕީ އުފެދިގެން އައި އެންމެ ބޮޑު އެއް މަގްސަދުކަމަށާއި، މިފަދަ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަބަދުވެސް މަރުހާބާ ކިޔާ ކަމަށެވެ. އަދި މި މުއާހަދާގެ ސަބަބުން ކްރޮސްބޯޑަރ އިންވެސްޓިގޭޝަނާއި، އެސެޓް ރިކަވަރީގެ އިތުރުން މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް މަގުފަހިވާނެކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް، ގާނޫނުއަސާސީން ބޮޑެތި ބާރުތަކެއް ދީފައިވާ މުއައްސަސާތަކުން ނެރެވޭ ނަތީޖާއާމެދު ސުވާލު އުފައްދަންޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.
އޭސީސީއަށް ދައުލަތުން ބޮޑު ހަރަދެއް ކުރާއިރު ވެސް ދައުލަތުގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެފައި ނުވާކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، އޭގެ މާނައަކީ ރާއްޖޭގައި ކޮރަޕްޝަން ނެތުން ނުވަތަ އެ މުއައްސަސާ ފެއިލްވެފައި އޮތުން ކަމަށެވެ. އަދި އާދައިގެ ވަޒީފާތަކުގައި އުޅޭ މީހުންގެ މައްޗަށް ވަރަށް ފަސޭހައިން ހުކުމް ކުރެވުނު ނަމަވެސް، ބޮޑެތި މައްސަލަތަކުގައި ސިޔާސީ އޮއިވަރުގެ ތެރެއިން އަންނަ ހުކުމްތައް މަތީ މަރުހަލާގެ ކޯޓުތަކުން ބާތިލުވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވުމުން މައްސަލަތައް ރިވިއުކޮށްގެން ސަލާމަތްވާ މަންޒަރު ފެންނަ ކަމަށާއި، މި ގައުމުގައި އޮތީ ބޮޑެތި މީހުންނަށް ބޮޑު ގޮތް އަދި އާދައިގެން މީހުންނަށް ކުދި ގޮތްކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، އޭސީސީގެ ހިންގުމަށް ކޮންމެ އަހަރަކު 58 މިލިއަން ރުފިޔާ ހަރަދުކުރާއިރު އެކަށީގެންވާ ނަތީޖާއެއް ފެންނަންޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި މި ގައުމުގައި މައްސަލަ ޖެހިގެން އުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށާއި، މިކަންކަން ތަންފީޒުކުރާނެ އިހުލާސްތެރި ބަޔަކު ނެތުމުންކަމަށް ވިދާޅުވިއެވެ.

