މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ހައްޔަރުކުރި ބިދޭސީ ތިން މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދީފިއެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގައި ހ. މާދޫގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާ ބަލައިފާސްކޮށްފައިވާއިރު، އެ ތަނުގައި ގުދަންކޮށްފައި ހުރި 826 ފުޅި ބަނގުރާ ފުލުހުން ވަނީ އަތުލައިގެންފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ އަލް އަމީން (34އ)، ޕޮލިން (43އ)، އަދި އެމްޑީ ރަކިބް ހޮސެން (25އ) އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އަލް އަމީނާއި ޕޮލިންގެ ބަންދަށް 5 ދުވަސް އަދި އެމްޑީ ރަކިބް ހޮސެންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

