ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއަކީ ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމްކުރަން އުޅޭކަމަށް ބުނެ ދައްކެ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދޮގުުކުރައްވައިފިއެވެ.
އެގޮތުން މިނިސްޓަރ ވަނީ އެފަދަ ކަމެއް ވިޔަނުދޭން ސަރުކާރުން އަޅާނެ ފިޔަވަޅުތަކުގެ ލިސްޓެއް ހާމަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ރަސްމާލޭގައި ޔަހޫދީންގެ އާބާދީއެއް ”އުފައްދާނެ“ ކަމަށް ބުނެ އުފައްދާ ބިރަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބައެއް މީހުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކުގެ ބޮޑު ބަޔަކީ ރަސްމާލޭގެ ބިން އަގުކުރާ ގޮތާއި ކުއްޔަށް ދިނުމުގެ އުސޫލުތަކާ މެދުގައެއް ނޫނެވެ. އެ ކަންބޮޑުވުންތައް އޮތީ ފަލަސްތީނާ މެދުގަ އެވެ. ފަލަސްތީނު މީހުންނަށް ލިބެމުންދާ އަނިޔާއަކީ އޭނާ ވިދާޅުވިގޮތުގައި އިސްތިސްނާއެއް ނެތި އެންމެހާ ދިވެހިންނަށް ފުންއަސަރު ކުރުވާ ކަމެކެވެ.
މުއްތަލިބު ވިދާޅުވީ އެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބު ދޭންޖެހޭ ކަމަށާއި އެކަމަށް އަަޅާނުލައި ދޫކޮށްލައިގެން ނުވާނެ ކަަމަށެވެ. އެއާ އެކު، އިޒްރޭލުގެ އެއްވެސް މަސްލަހަތެއް ރަސްމާލެ މަޝްރޫއުގެ ތެރެއަށް ނުވަދެވޭނެކަން ކަށަވަރު ކުރުމަށްޓަކައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް މިނިސްޓަރު ތަފްސީލް ކޮށްދެއްވިއެވެ. އެއީ:
- ޕްރޮޕަޓީއެއް ގަނެ ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި އިޒްރޭލުގެ ބައިވެރިވުން މަނާކުރުން: މުދާ ގަންނަ ފަރާތެއްގެ ގޮތުގައި، ހަގީގީ މަންފާ ލިބޭ ވެރިއެއްގެ (ބެނެފިޝަލް އޯނަރު) ގޮތުގައި، ހިއްސާދާރެއް ނުވަތަ ފައިނޭންސްކުރާ ފަރާތެއްގެ ގޮތުގައި ވެސް އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އަދި އެ ގައުއުމުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް ބައިވެރި ނުވެވޭނެ ގޮތް ސަރުކާރުން ހަދާނެއެވެ.
- ނިސްބަތްވާ ހުރިހާ ގައުމުތަކެއް ހާމަކުރުން ލާޒިމުކުރުމާއި މުދާ ދައުލަތަށް ނެގުން: ޕްރޮޕަޓީއެއް ގަންނަ ކޮންމެ މީހަކު ވެސް އެ މީހަކު ނިސްބަތްވާ ހުރިހާ ގައުމުތަކެއް ސާފުކޮށް ހާމަކުރަންޖެހޭނެއެވެ. އެއްވެސް މައުލޫމާތެއް އޮޅުވާލައިފި ނަމަ އެއްބަސްވުން ވަގުތުން ބާތިލުކޮށް، އެ މުދަލަކާއި ފައިސާ ދައުލަތަށް ނަގާނެއެވެ.
- ދާއިމީ ރަށްވެހިކަން ނުދިނުން: ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުން ވެސް އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި ހަރުދަނާ ސްކްރީނިން މަރުހަލާތައް ހިންގާއިރު ރަސްމާލެ މަޝްރޫއުގެ އެއްވެސް އިންތިޒާމެއްގެ ދަށުން ރާއްޖޭގެ ދާއިމީ ރަށްވެހިކަމެއް ނުވަތަ ރައްޔިތުކަމެއް ނުދޭނެއެވެ.
- ބިމުގެ ދާއިމީ މިލްކުވެރިކަން ދިވެހިންނަށް އެކަނި އޮތުން: ބިން ދާއިމީކޮށް މިލްކުވާ (ފްރީހޯލްޑް) އުސޫލުން ރަސްމާލޭގެ އެއްވެސް ތނެއް އެއްވެސް ބޭރު ފަރާތަކަށް ދުލެއް ނުކުރާނެއެވެ. ކުލީގެ މުއްދަތު ދާއިމީވާނެ އެއްވެސް ޖާގައެއް ވެސް ނުދޭނެ އެވެ.
- ދިވެހި ރައްޔިތުންނަށް އިސްކަންދިނުން: މަޝްރޫއުގެ ކޮންމެ ފިޔަވައްސެއްގެ ދަށުން އިމާރާތްކުރާ ޔުނިޓްތައް، ދިވެހި ރުފިޔާއިން އަގުދައްކާ ގޮތަށް ގަތުމުގެ ފުރަތަމަ ފުރުސަތު ދިވެހިންނަށް ދޭނެއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ”ޒަޔަނިޒަމް ޕްރޮޖެކްޓް“ އަކީ ތާރީހީ ގޮތުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން ހިންގާ ކަމެކެވެ. މުޅި އެ ހަރަކާތުގެ އަމާޒަކީ އެހެން ގައުމުތަކުން ޔަހޫދީން ގެންގޮސް ފަަލަސްތީނުގައި ވަޒަންވެރިކުރުވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

