އީގަލް ހިލްސްގެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރަން ހުށައެޅި މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބަލައިނުގަތުމަށް ނިންމުމަކީ ރަޖިސްޓަރ، އޭނާގެ އިޚްތިޞާސުން ބޭރުވެގެން ނިންމި ނިންމުމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިފެންނަނީ ދިވެހިރާއްޖޭގެ ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ނިޒާމުގެ މިނިވަންކަން ގެއްލި، ސަރުކާރުގެ ކޮންޓްރޯލް ދަށަށް ދައުލަތުގެ އެންމެ މަތީ ކޯޓު ގޮސްފައިވާ މިންވަރު ކަމަށެވެ.
އަހްމަދު ދީދީ ވިދާޅުވީ މިއީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އާއި އެނޫންވެސް ކަމާބެހޭ ޤާނޫނުއަސާސީގެ މާއްދާތަކާއި، ކޯޓުތަކުގެ ޤާނޫނުގެ މާއްދާތަކާ ޚިލާފު ނިންމުމެއްކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށެވެ.
މިބާވަތުގެ “ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަން” ގެ މައްސަލައެއް ފަނޑިޔާރުންގެ މަޖިލީހުންވެސް ބަލައި ނުގަތުމަށް ނިންމަންވާނީ އިޖްރާއީ އަޑުއެހުމަކަށް ފަހު ޤާނޫނީ ސަބަބުތައް ސާފުކޮށް ބަޔާންކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ރަޖިސްޓަރ، އޭނާގެ އިޚްތިޞާސުން ބޭރުވެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބޭރުކުމަކީ ޙައްދުފަނައަޅައި ދިއުންކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭ ޒާތުގެ މައްސަލައަކަށް ނުވާތީ ކަމަށް ބުނެއެވެ.
ނަމަވެސް، ރަޖިސްޓްރާގެ މި ނިންމެވުމާމެދު ހިތްހަމަނުޖެހޭނަމަ، 14 ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް ގާނޫނީ ގޮތުން ލިބިގެންވެއެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ ރަސްމާލެ އެއްބަސްވުމުގެ މައްސަލައަކީ މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ ކަމަށެވެ. އެހެންކަމުން މިއީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް ބުނެ މައްސަލަ ބަލައިނުގަތުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެން ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

