ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އާމިރު ހުސައިން، އެމްޑީ މީޒާނުއްރަހުމާން އަދި ސިރާޒް ހާން އެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ހައްޔަރުކުރި ތިން ބިދޭސީން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނުގެ ބަންދަށް ބަދަލުކޮށްފައެވެ. އަދި އެ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނީ ތަހުގީގަށް ލިބޭ މައުލޫމާތަށް ބިނާކޮށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ މީހުންގެ މައުލޫމާތު، އެކަމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހުގެ ނަންބަރު 9388733 އަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ޓާސްކްފޯހުގެ ނަންބަރަށް އެސްއެމްއެސް، ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

