މި އަހަރުގެ 08 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 35.984 ބިލިއަން ރުފިޔާ އަށް އަރައި، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 18.3 އިންސައްތައިގެ ބޮޑު އިތުރުވުމެއް ރެކޯޑްކޮށްފިއެވެ.
މި މުއްދަތުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.566 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ބަޖެޓް ވަނީ 4.418 ބިލިއަން ރުފިޔާ އިން ޑެފިސިޓްވެފައެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 30.635 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު އާމްދަނީ އާއި ހިލޭ އެހީ ވަނީ 3.0 އިންސައްތަ އިތުރުވެފައެވެ.
މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ޚިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ ރަނގަޅުވުމުންނެވެ.
އެގޮތުން އިމްޕޯޓް ޑިއުޓީގެ އާމްދަނީ 18.3 އިންސައްތަ އިތުރުވެ 2.757 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޖީ.ޖީ.އެސް.ޓީ އާމްދަނީ ވަނީ 7.7 އިންސައްތަ އިތުރުވެ 4.375 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއާއެކު ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4 އިންސައްތަ އިތުރުވެ، 24.394 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 އިންސައްތަ އިތުރުވެ 5.798 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 1.542 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވަނީ 9.1 އިންސައްތައިގެ ކުރިއެރުމަކާއެކު 1.565 ބިލިއަން ރުފިޔާ ލިބިފައެވެ. މުދަލުން ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެ 1.954 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77.0 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 0.515 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދައުލަތުން ކުރި ޖުމްލަ ޚަރަދުގެ ތެރެއިން ރިކަރަންޓް ޚަރަދަކީ 31.053 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދަކީ 4.931 ބިލިއަން ރުފިޔާއެވެ. އެގޮތުން އިދާރީ ޚިދުމަތްތަކަށް ކުރި ރިކަރަންޓް ޚަރަދު 7.4 އިންސައްތަ އިތުރުވެ 1.982 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު ވަނީ 8.6 އިންސައްތަ އިތުރުވެ 2.839 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) ކުރި ޖުމްލަ ޚަރަދު ވަނީ 16.0 އިންސައްތަ އިތުރުވެ، 4.312 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޚަރަދުތަކުގެ ތެރޭގައި ހިމެނޭ މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 އިންސައްތަ އިތުރުވެ 5.556 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޚަރަދު ވަނީ 43.7 އިންސައްތަ އިތުރުވެ 10.366 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ 71.8 އިންސައްތަ އިތުރުވެ 4.265 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު ވަނީ 23.6 އިންސައްތަ އިތުރުވެ 1.910 ބިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް، ދައުލަތުގެ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ވަނީ 5.2 އިންސައްތަ ދަށްވެ، 3.801 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.

