ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަރ މާލެ ސަރަހައްދުގައި އުޅަނދުފަހަރު ޕާކުކުރުމަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މި މަޝްރޫއުތައް އަމާޒުކޮށްފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ހީނާމާގޭ ބިމުގައި އެޅުމަށް ހަމަޖެހިފައިވާ ޕާކިން އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރާއެކު ފަހު މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން ސޯސަންމަގުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ އިންވެގެން އޮތް ބިމުގައިވެސް ޕާކިން އިމާރާތެއް އެޅުމަށް ނިންމާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތަށް، މީގެ ކުރިން ޕާކިން މައްސަލައަށް ގެނެސްފައިނުވާ ފަދަ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

”ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނުވަނީ ވަކި ތާރީހުތަކެއްވެސް ވިދާޅުވެފަ. އެހެންވީމަ އެގޮތަށް ޑެލިވާކުރާނަން އަޅުގަނޑުމެން. އެއަމާޒަށް މިދަނީ،“ ވަޒީރު ވިދާޅުވިއެވެ.

މާލޭގެ ހަނި މަގުތަކުގެ ޑިޒައިނަށް ހެޔޮ ބަދަލުތަކެއް ގެނެސް، ފަސޭހައިން ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 4 މަގެއްގެ ޑިޒައިން ބަދަލުކުރުމަށްޓަކައި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަސައްކަތް ކުރިއަށްގެންދާނީ ފަންނީ ދިރާސާތަކުގެ އަލީގައި އާންމުންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެންނެވެ.

ދާދިފަހުން ތަރައްޤީކުރި ރިންގް ރޯޑަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ މަގުގައި ޕާކްނުކޮށް ހުސްކޮށް ބޭއްވުމަކީ ދަތުރުފަތުރުގެ ނިޒާމަށް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ.

މީގެއިތުރުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އުފެއްދި ’ގްރޭޓަރ މާލެ މޮބިލިޓީ އޮފީސް‘ ގެ މަސައްކަތްތަކަށް ލަފާދިނުމަށްޓަކައި ’ރޯޑް ސޭފްޓީ ކައުންސިލް‘ ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ކައުންސިލްގައި ހިމެނެނީ ދަތުރުފަތުރާ ބެހޭ ވުޒާރާއާއި، ދާޚިލީ ވުޒާރާއާއި، ބަންޑާރަނައިބުގެ އޮފީހާއި، އިމާރާތްކުރުމާ ބެހޭ ވުޒާރާގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތެވެ. މި ކޮމިޓީގެ ސަބަބުން މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: