އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އުމުރު ދުވަހުގެ ހުކުމެއްގައި ހުރި އިބްރާހިމް ރަޝީދު (އަބުޗާ)، ޕެރޯލް ބޯޑުން މިނިވަންކުރި މައްސަލަ ބަލައި، ޕެރޯލް ބޯޑުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ކުޑޫ ހުށަހެޅި މައްސަލައިގައި ވަނީ ބޮޑު ކުށްވެރިޔަކު ދޫކޮށްލުމުގައި ގާނޫނީ އޮޅުމެއް އެރި ސަބަބާއި، އޭނާ މިނިވަންކުރުމަށްފަހު އަލުން އިދާރީ ނިންމުމަކުން ހައްޔަރުކުރި ގާނޫނީ އިޖުރާއަތްތައް ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެ ނިންމުމާ ގުޅިގެން ހޯމްލޭންޑް މިނިސްޓްރީއާ މުއާމަލާތެއް ހިނގާފައިވޭތޯ ބެލުން ވެސް މައްސަލައިގައި ވެއެވެ.
ޖުޑިޝަރީ ކޮމިޓީން ނިންމީ މިއީ އާންމު މަސްލަހަތާ ގުޅުންހުރި މައްސަލައަކަށްވާތީ ތަހުގީގެއް ހިންގުމަށެވެ. އެގޮތުން ޕެރޯލް ބޯޑުގެ މެންބަރުން ހާޒިރުކުރަން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވި ހުށަހެޅުމަށް ކޮމިޓީގެ އިއްތިފާގުން ވަނީ ތާއީދުކޮށްފައެވެ.
އަބުޗާ ހައްޔަރުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ކަނޑުމަތީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަނުގައި އޭނާ ވަނީ 61 ކިލޯގެ ޑައިމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ހިމެނޭހެން ޖުމްލަ 80 ކިލޯގެ މަސްތުވާތަކެތި ކަނޑަށް އުކާލާފައެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަކަށް އޭނާ އިއުތިރާފުވުމާ ގުޅިގެން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އެއްބަސްވުމެއްގެ ދަށުން، ކަނޑައެޅެން އޮތް 50 އަހަރުގެ ޖަލު ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްދީފައެވެ.
ނަމަވެސް އޭނާ ދޫކޮށްލިއިރު ތަންފީޒުކޮށްފައި ވަނީ އެންމެ ފަސް އަހަރު ކަމަށްވުމުން، ހުކުމުގައި ބާކީ 20 އަހަރު އަދިވެސް އޮތެވެ. މި މަހުގެ 1 ގައި އޭނާ ދޫކޮށްލުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މި މަހުގެ 6 ވަނަ ދުވަހު އޭނާ ވަނީ އަލުން ހައްޔަރުކޮށް ޖަލަށް ގެންގޮސްފައެވެ. އަދި އެ މައްސަލައާ ގުޅިގެން ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
މި މައްސަލައިގައި އަބުޗާ އަލުން ބަންދަށް ގެންދިޔަކަން ހާމަކޮށް، ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އަބުޗާ ދޫކޮށްލުމުގައި ޕެރޯލް ބޯޑުން އަމަލުކޮށްފައި ވަނީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. އެގޮތުން އަބުޗާގެ މައްޗަށް އޮތް 12 އަހަރާއި 6 މަހުގެ ހުކުމުން ޕެރޯލް ލިބޭނީ ދެބައިކުޅަ އެއްބައި ކަމަށްވާ 6 އަހަރާއި 3 މަސް ޖަލުގައި ހޭދަކުރުމުން ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު އުނިކޮށް ބާކީ މުއްދަތުން ޕެރޯލް ގުނުމަކީ ބޯޑުން ހެދި ބޮޑު ގޯހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިވެރިންނަށް ލުއި ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެފަދަ ކުށްވެރިންނަށް ޕެރޯލް ނުލިބޭނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބަޔާންކުރާ ގޮތުގައި ޕެރޯލް ދެވެނީ ހުކުމުގެ ބޮޑުބައެއް ތަންފީޒުކޮށް، އަހުލާގު ރަނގަޅުވެ، ރިހެބިލިޓޭޝަން ފުރިހަމަކޮށް، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ނުރައްކާތެރި ބޮޑެތި ކުށްތަކުގައި ޕެރޯލް ދިނުމުގައި ހަރުކަށި އުސޫލުތަކެއް އޮންނައިރު، ކަނޑައެޅޭ ޝަރުތަކާ ހިލާފުވެއްޖެނަމަ އެ ލުއި ވަގުތުން ބާތިލުކުރެވެއެވެ.

